ފަރުނީޗަރުގެ ބާޒާރަށް އިންގިލާބެއް ގެނައި ސްވީޑެންގެ އައިކިއާ ކުންފުނީގެ ފައުންޑަރު އިންގްވަރް ކްރަމްޕްރަޑް، 91 ގައި މަރުވެެއްޖެއެވެ.

އޭނާ މަރުވީ ސްވީޑެންގައި ހުންނަ އޭނާގެ ގޭގައި ކަމަށް އައިކިއާއިން ބުނެއެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ކްރަމްޕްރަޑްއަކީ 20 ވަނަ ގަރުނުގައި އުފެދުނު އެންމެ ކުޅަދާނަ އެއް ވިޔަފާރިވެރިޔާ ކަމަށެވެ.

ކްރަމްޕްރަޑް އައިކިއާ ކުންފުނި އުފެއްދީ އުމުރުން އެންމެ 17 އަހަރުގައެވެ. ކިޔެވުމުގައި އުނދަގޫތައް ކުރިމަތިވި ކުއްޖެއް ނަމަވެސް، ވިޔަފާރި ފެށުމަށް އޭނާ ބޭނުންކުރީ ސްކޫލުގައި އުޅުނުއިރު ރަނގަޅު ނަތީޖާ ހޯދުމުން އޭނާގެ ބައްޕަ ހަދިޔާއަށް ދިން ފައިސާތަކެކެވެ.

ކުންފުނި ހިންގުމުން އިންގްވާރް ދުރުވީ 2013 ވަނަ އަހަރު އޭނާގެ އުމުރުން 87 އަހަރުގައެވެ. އިންގްވާރްގެ މިލްކިއްޔާތުގައި މިދިޔަ އަހަރުގެ ނިޔަލަށް 46 ބިލިއަން ޑޮލަރު ހުރިކަމަށް ރިޕޯޓުތައް ބުނެއެވެ.