ލ. ދަނބިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝާހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި، މިއަދު އެމަގާމުން ދުރުކޮށްފި އެވެ.

ކައުންސިލް އިދާރާއިން މައުލޫމާތު ދިން ގޮތުގައި، އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގީ ކައުންސިލް މެމްބަރުންގެ މެދުގައި މަޝްވަރާ ކުރުމަކާ ނުލައި "އަމިއްލަ އަށް ކަންތައްތައް ނިންމަނީތީ" އެވެ. މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނެގި ވޯޓުގައި ޝާހުގެ އިތުބާރު ނެތް ކަމަށް ތިން ކައުންސިލަރަކު ވޯޓު ދީފައިވެ އެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ދަނބިދޫ ކައުންސިލްގައި ހިމެނެނީ ހުސް ޑީއާރްޕީ މެމްބަރުންނެވެ.

ޝާހު މިއަދު ވިދާޅުވި ގޮތުގައި، އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގާފައި ވަނީ "ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރަން ފުރުސަތު ނުދޭތީ" ކަމަށެވެ.

އެގޮތުން ކައުންސިލްގައި ހިމެނޭ މެމްބަރެއްގެ އާއިލާގެ ފަރާތަކަށް ރަށް ކުނި ކެހުމުގެ މަސައްކަތް ހަވާލުކުރަން އުޅުމުން އެކަމާ އޭނާ ދެކޮޅު ހަދާފައިވާ ކަމަށް ޝާހު ވިދާޅުވި އެވެ.

"އަޅުގަނޑު ބުނިން އިއުލާންކޮށްގެން އެންމެ ކުޑަ އަގެއް ހުށަހަޅައި ފަރާތަކަށޭ ދެވޭނީ. އަޅުގަނޑު ކަންތައްތައް ކުރަން މަސައްކަތްކުރީ މާލިއްޔަތުގެ ގަވައިދާ އެއްގޮތަށް. އެކަމަކު އެބޭފުޅުން ވިދާޅުވަނީ، އެ މަސައްކަތް ހަވާލުކުރެވެން ޖެހޭނޭއޭ،" ޝާހު ވިދާޅުވި އެވެ.

މީގެ އިތުރުން، ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާއަށް ލިބިވަޑައިގެންފައިވާ ގޯތި، ބޮޑު ގޯއްޗަކަށް ބަދަލުކުރަން އެދުމުން އެކަން ވެސް ނުވާނެ ކަން އަންގާފައިވާ ކަމުގައި އޭނާ ވިދާޅުވި އެވެ.

ޝާހު ވިދާޅުވީ، ކައުންސިލްގެ ނިންމުމަށް މަރުހަބާ ކިޔާ ކަމަށާއި އޭނާ ބޭނުންވަނީ ރަށުގެ ތަރައްގީއަށް މަސައްކަތްކުރަން ކަމަށެވެ.