29 Jan 2018, 09:59
ބޮލުން ހަންފޮޅޭތީ އެކަމަށް ހައްލެއް ގެންނަން ފިސާރި މަސައްކަތް ކުރެވިއްޖެ ދޯއެވެ. ޝޭމްޕޫ އާއި ކޮންޑިޝަނާ ބަދަލު ކުރެވުނު ވަރެއް މިހާރު ހަނދާނެއްވެސް ނެތް ދޯއެވެ؟ އަދިވެސް އެކަމަށް ހައްލު ނުލިބޭނަމަ ދެން އޮތް ކަމަކީ ކެއުމަށް ބަދަލުގެނައުމެވެ.
ބޮލުގެ ހަންގަނޑު މާބޮޑަށް ތެޔޮވުމާއި، މާބޮޑަށް ހިކުމަކީވެސް ބޮލުން ހަންފޮޅެން ދިމާވެދާނެ ކަމެކެވެ. އަނެއް ސަބަބަކީ ފަންގަލް އިންފެކްޝަނެއްގެ ސަބަބުން ބޮލުން ހަންފޮޅުމެވެ.
މި މައްސަލަތަކަށް ހައްލެއް ހޯދުމަށް މިހާރު ކެއުމުގައި ތިގެންގުޅޭ ވައްޓަފާޅި ކުޑަކޮށް ބަދަލުކޮށްލާށެވެ.
ޗިކް ޕީސް:ޗިކް ޕީސް ނޫނީ ސަނާ މުގަކީ އޭގައި ގިނަ އަދަދަކަށް ޒިންކް އަދި ވިޓަމިން ބީ6 އެކުލެވޭ ކާނާއެކެވެ. ކާއެއްޗެހި ތައްޔާރު ކުރާއިރު ޗިކްޕީސް ހިމަނާލާށެވެ.
ސަންފްލާވާ އޮށް:ސަން ފްލާވާ އޮށަކީވެސް ޒިންކް އަދި ވިޓަމިން ބީ6 އޭގައި ގިނަ އަދަދަކަށް އެކުލެވޭ އެއްޗެކެވެ. މީގެ އިތުރުން ބަރަބޯ އޮށާއި ސެސެމީ ސީޑް ވެސް ކެއުމުގައި ހިމެނުމުންވެސް ޑޭންޑްރަފާ ދެކޮޅަށް ކުރާ މަސައްކަތުގައި ކުރި ލިބިދާނެއެވެ.
ދޮންކެޔޮ:ދޮންކޭލުގައި ހިމެނޭ ވިޓަމިން-ބީ6 އަކީ ޑޭންޑްރަފް އާ ދެކޮޅަށް ކުރާ މަސައްކަތަށް ލިބޭނެ އެހީއެކެވެ. ހަމައެކަނި ދޮންކެޔޮ ކާންވީއެއް ނޫނެވެ. ދޮންކެޔޮ ޗަސްކޮށްގެން ބޮލުގެ ހަންގަނޑުގައި އުނގުޅާފައި ދެތިން މިނެޓް ބެހެއްޓުމަށްފަހު ދޮވެލާށެވެ.
ޖިންޖާ-ޓީ:ޖިންޖާ ޓީ ނުވަތަ އިނގުރު ސަޔަކީ ފަންގަލް އިންފެކްޝަން އާ ދެކޮޅަށް ކުރާ މަސައްކަތުގައި މުހިއްމު ބައިވެރިއެކެވެ. ބޮލުން ހަންފޮޅޭ މީހުން އިނގުރު ސައި ބުއިން މުހިއްމެވެ.
ލޮނުމެދު:ލޮނުމެދަކީވެސް ފަންގަލް އިންފެކްޝަން އާ ދެކޮޅަށް ކުރާ މަސައްކަތުގެ މުހިއްމު ބައިވެރިއެކެވެ. ކާއެއްޗެހި ތައްޔާރު ކުރާއިރު ލޮނުމެދު ބޭނުންކުރާ މިންވަރު ގިނަ ކޮށްލާށެވެ. މީގެ އިތުރުން އިސްތަށިގަނޑު ޝޭމްޕޫ ކުރުމުގެ ކުރިން ލޮނުމެދު ޗިސްކޮށްގެން ބޮލުގެ ހަންގަނޑުގައިވެސް އުނގުޅިދާނެއެވެ.