ށ. ކޮމަންޑޫ މަގުމަތީ އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ މަގުމަތީ މަރުވެފައި އޮއްވާ ފެނުނީ އުމުރުން 72 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެމީހާ އެރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ ފަތިހު 4:45 ހާއިރު ކަމަށާއި، ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެއެވެ.

ސަންއާ ވާހަކަ ދައްކަމުން ކޮމަންޑޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އާރިފް އަހުމަދު ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނު މީހާ މަގުުމައްޗަށް ވެއްޓުނު ކަމަށް ލަފާކުރެވެނީ ޑޮކްޓަރަށް ދައްކަން ދަނިކޮށް ކަމަށެވެ. އޭނާގެ ޖީބުގައި އައިޑީކާޑުވެސް އޮތް ކަމަށް އާރިފް ވިދާޅުވިއެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ މީހާއަކީ އުމުރުން ދުވަސްވެ ގައިބާރު ދެރަވުމުގެ ސަބަބުން އާންމުކޮށް ގެއިން ނިކުންނަ މީހެއް ނޫން ކަމަށެވެ. އާއިލާގެ މެންބަރުން އުޅެނީ މާލޭގައި ކަމަށާއި އޭނާ އުޅެމުން ދިޔައީ ތިމާގެ މީހުންގެ ކައިިރީ ކަމަށްވެސް ކޮމަންޑޫއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.