ގާހިރާ(29 ޖެނުއަރީ): މިސްރުގައި އަންނަ މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ބޮއިކަޓްކުރުމަށް އެގައުމުގެ އިދިކޮޅު ފަރާތްތަކުން ގޮވައިލައިފިއެވެ.

މިސްރުގެ އިިދިކޮޅު ފަސް ބޭފުޅުން މިއަދު ނެރުނު ބަޔާނުގައި ވަނީ އިންތިހާބު ބޮއިކޮޓް ކުރުމަށް ގޮވައިލައިފައެވެ. އެ ބޭފުޅުން ވިދާޅުވީ އިންތިހާބް އިންސާފުވެރިވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށެވެ.

މިސްރުގެ ރައީސް އަބްދުލް ފައްތާހު ސީސީ، އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފައިވާއިރު، އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރި އެހެން ކެންޑިޑޭޓުންނަށް ބިރުދެއްކުމުގެ ސަބަބުން ހުރިހާ ކެންޑިޑޭޓުން ވަނީ ނަންތައް އަނބުރާ ގެންދަވައިފައެވެ.

އެހެންކަމުން އިންތިހާބުގައި ވާދަކުރައްވާނީ ސީސީ އެކަންޏެވެ.

އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާންކުރެއްވި މިސްރުގެ ކުރީގެ ރައީސް އަންވަރު ސާދާތުއަށް ބޮޑު ބޭބެ ކިޔާ މުހައްމަދު އަންވަރު ސާދާތު ވަނީ އޭނާގެ ސަޕޯޓަރުންނަށް ރައްކާތެރިކަމެއް ނެތް ކަމަށް ބުނެ އިންތިހާބުން ވަކިވެފައެވެ.

ސީސީއާ އެންމެ ގާތުން ވާދާކުރައްވާނެ ކަމަށް ބެލެވުނު ލެފްޓިނެންޓް ޖެނެރަލް ސާމީ އަނާން ވެސް ވަނީ ކެންޑިޑޭޓްކަން އިއުލާން ކުރުމާއެކު ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ކެމްޕެއިން މެނޭޖަރު ހިޝާމު ގަނީނާއަށް ވަނީ ވަޅިން ހަމަލާދީފައެވެ.

އިންތިހާބުގައި ވާދަކުރައްވާނެކަން މިސްރުގެ ކުރީގެ ބޮޑުވަޒީރު މުހައްމަދު ޝަފީގު ވެސް އިއުލާންކުރެއްވިއެވެ. ނަމަވެސް ޑުބާއީއިން އެނބުރި މިސްރަށް ވަޑައިގަތުމާއެކު ކުރިމަތިވި ފިއްތުންތަަކާއެކު ޝަފީގުވެސް ވަނީ ނަން އަނބުރާ ގެންދަވައިފައެވެ.

އިދިކޮޅު ފާރަތްތަކުން ބުނީ މިސްރުގައި ބޭއްވޭ އިންތިހާބަކީ މިނިވަން އިންތިހާބެއް ނޫން ކަމަށާއި އަދި އިންތިހާބުގެ ނަތީޖާ ގަބޫލު ވެސް ނުކުރާނެ ކަމަށެވެ.

މަސްދަރު: ޕްރެސްޓީވީ