07 Feb 2018, 09:15
ދެހާސް ފަނަރަވަނަ އަހަރު، އިންޑިއާގައި ފޭސްބުކް އެކައުންޓަކުން ބޭއަދަބީ ބަސްތަކަކާ އެކު ކުޑަކުދިންގެ ފޮޓޯތަކެއް ޕޯސްޓުކުރި މައްސަލައެއް އިންޑިއާގެ ޓްރިވެންޑްރަމްގެ ފުލުހުން ބެލި އެވެ. ހަމަ އެ އަހަރު ޓަމިލް ނާޑޫގައި ވެސް މިފަދަ މައްސަލައެއް ފެންމަތިވި އެވެ. މިކަހަލަ ކަންކަން ހިނގާކަމުގެ ހަގީގަތަށް އިންޑިއާއަށް "ހޭލެވުނެ"ވެ.
ފަހުގެ ތާރީޚުގައި އަލަށް ފެންމަތިވި ނަމަވެސް މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކަމެކެވެ.
ކުރިމަތިވާ މައްސަލަ އެންމެން ވެސް ދަނެ އެވެ. ތިމާ ޝެއާ ކުރާ، ތިމާގެ ނުވަތަ ތިމާގެ ދަރީންގެ ފޮޓޯތައް، ތިންވަނަ ފަރާތަކުން ނާޖާއިޒު ބޭނުންތަކަށް "ވަގަށް ނަގައިގެން" އެހެން މީހުންނަށް ނުބައި ތަސައްވަރެއް ދެއްކުވުމެވެ.
ބައެއް ހާލަތްތަކުގައި، ގާތް މީހުން "މިސްޔޫޒް" ކުރަނީ ނޭނގި ނަމަވެސް އަމިއްލަ އަށެވެ.
އެމެރިކާގައި ގްރެގް ޗިސްމް ނަމަކަށް ކިޔާ މީހަކު އޭނާގެ ކުޑަ ދެ ދަރީންނާ އެކު ހަދަމުން ދިޔަ ވީޑިއޯތަކެއްގެ ސަބަބުން، އަށް މިލިޔަން ސަބްސްކްރައިބަރުން ލިބިފައި އޮތް އޭނާގެ ޔޫޓިއުބު ޗެނަލް މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އެ ވީޑިއޯތަކުގައި، ގްރެގް ވަނީ އޭނާގެ ދެ ކުޑަ ދަރީން ލައްވާ، ނަފްސާނީ ގޮތުން އުނދަގޫ ކުރުވަނިވި މަންޒަރުތަކެއް ކުޅުވައިފަ އެވެ. އަދި އެކި ބާވަތުގެ ދިރޭ ތަކެތި ބޭނުންކޮށްގެން އެ ކުދިން ބިރުގަންނުވާ މަންޒަރު ވީޑިއޯކޮށް، އެތަކެތި ޔޫޓިއުބުގައި އާންމުކުރި އެވެ.
ކުޑަކުދިންނަކީ ވެސް މިހާރު ސްމާޓް ޑިވައިސްތައް ބޭނުންކޮށް، އަމިއްލަ ފޭސްބުކާއި އިންސްޓަގްރާމް ގެންގުޅޭ ބަޔަކަށްވީ ހިނދު، އެކުދިން ވެސް އަމިއްލަ ފޮޓޯތައް އަޕްލޯޑު ކުރާނެ އެވެ. ކުޑަކުދިން އިންޓަނެޓުގައި ކުރާ ކަންތަކާއި، މީހުންނަށް ފެންނަ ގޮތަށް އަޕްލޯޑުކުރާ ކޮންޓެންޓު މޮނީޓަރު ކުރުމަކީ މުހިންމު ކަމެކެވެ.
އަމިއްލައަށް ދަރީންނާއި ގާތް މީހުން ނާޖާއިޒު ފައިދާއަށް "ބޭނުންކޮށް"، އަމިއްލަ މަޝްހޫރުކަމަށް އެތަކެތި ބޭނުންކުރާ ބައެއް މީހުން އުޅޭ އިރު ވިސްނަންވީ ކަމަކީ، ތިމާވެސް ފޭސްބުކްގައި އާންމުކުރާ، މައުސޫމު ކުޑަކުދިންނާއި އެހެނިހެން މީހުންގެ ފޮޓޯ ވެސް "ވަގަށް" ނަގައިގެން ނާޖާއިޒު ފައިދާއަށް ބޭނުންކުރާނެ މީހުން ވެސް އުޅެދާނެ ކަމަށެވެ.
އަދި ވަކިން ޚާއްސަކޮށް، ތިމާގެ ރަހުމަތްތެރިންނަށް ދައްކާލުމަށް ފޭސްބުކްއަށް އަޕްލޯޑުކުރާ، ތިބާގެ ދަރިފުޅުގެ ފޮޓޯއަކީ، ބޮޑުވުމަށް ފަހު ދަރިފުޅަށް ބުރައަކަށް ނުވަތަ ތުރާލަކަށް ނުވާނެ އެއްޗަކަށް ހެދުމަކީ މުހިންމު ކަމެކެވެ. މީހުންނަށް ބޭއަދަބީ ބަސްތައް އެމުނުމަށް ލިބިދާނެ ފުރުސަތެއް ދިނުމަކީ ދަރިފުޅުގެ ހައްގަކަށް އަރައިގަތުމަށް ނޫނީ ނުވާނެ އެވެ.
ކުޑަކުދިންގެ ފޮޓޯތަކާ އެކު ބޭއަދަބީ ލިޔުންތައް ލިޔަމުންދާ ފޭސްބުކު ޕޭޖެއްގެ ވާހަކަ މި ހަފްތާ ތެރޭގައި ދިވެހި ފުލުހުން ވަނީ އާންމުންގެ ސަމާލުކަމަށް ގެނެސްފަ އެވެ. އެޕޭޖުގައި ކުޑަކުދިންގެ ކަރާމާތަށް ގެއްލުންލިބޭ ފަދަ ޖިންސީ އެކިއެކި ވާހަކަތައް ލިޔެ އާންމުކޮށްފައިވެ އެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ރޭ ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސާވިސް އިން އެދިގެން ފޭސްބުކުން މިހާރު އެ ޕޭޖު ޑިލީޓްކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވި އެވެ.
"މި މައްސަލަ އިތުރަށް ފުލުހުން ދަނީ ތަހުގީގު ކުރަމުން. މި ޕޭޖުގެ މައުލޫމާތު އިތުރަށް ހޯދައި މިކަން ކުރި ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުން މިދަނީ ކުރަމުން،" ޝިފާން ވިދާޅުވި އެވެ.
ދީނީ ނަޒަރަކުން ބަލާއިރު ވެސް، ކުޑަ ދަރިފުޅުގެ ފޮޓޯ ފޭސްބުކް ފަދަ ތަންތަނަށް ލުމަކީ އެދެވޭ ކަމެއް ނޫނެވެ.
އެސްފީނާއަކީ ހައްގުވެގެން ޖެހޭ ކަމެއް ކަމަށް ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވެ އެވެ.
ޝައިޚް ހަސަން މޫސާ ފިކުރީ ވިދާޅުވީ އެސްފީނާގެ އަސަރުކޮށް، ކުދިންގެ ކުރިމަގަށް ވެސް އުނދަގޫ ކުރުމަކީ ވެދާނެ ކަމެއް ކަމަށެވެ.
"ތުއްތު ކުދިންނަށް ވެސް ދިމާވޭ ނުކެވުން، ނުނިދުން އަދި ރޭގަނޑަށް ރުއިން. ހަމަ އެކަށީގެންވޭ މިއީ އެފަދަ ކަމަކުން ދިމާވާ ތުރާލެއް ކަމަށް ވެސް. ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ވެސް ތުއްތު މައުސޫމު ކުދިންނަށް ރައްކާތެރި ކަމެއް ނޫން ]މިއީ[. އެކުދިން ރައްކާތެރިކުރަން އެދޭ ނަމަ ޝެއާ ނުކުރުން ރައްކާތެރީ،" ޝެއިޚް ވިދާޅުވި އެވެ.
ފޭސްބުކަށް ލާ ފޮޓޯ މިސްޔޫޒް ކޮށްފާނެ ގޮތްތައް:
- ފޭކު ޕްރޮފައިލް ހެދުމަށް.
- އިންޓަނެޓް "މީމް"އަކަށް.
- ޖިސްމާނީ ގެއްލުމެއް ދިނުމަށް.
- ކުޑަކުދިންނާ މެދު ބޭއަދަބީ، ޖިންސީ ބަހުރުވައިން އެއްޗެހި ލިޔުމަށް.
- ހުއްދަ ނެތި އިޝްތިހާރުތަކުގައި ބޭނުންކުރުމަށް.
ތައުލީމާއި ޓެކްނޮލޮޖީއާ އަދި މިނޫން ގޮތްގޮތުން ވެސް މީހުން ކުރިއަރައި ތަހްޒީބުވަމުން ދާއިރު، ހަމައެއާ އެއްވަރަށް ނާތަހުޒީބު އަމަލުތަކާއި ނާޖާއިޒު ފައިދާ ނެގުން އިތުރުވަމުންދާ ކަމީ ވެސް ފެންނަން އޮތް ހަގީގަތެވެ. އެހެންކަމުން އިސްލާމީ މުޖްތަމައެއްގައި ހިނގައިގެން ނުވާނޭ ފަދަ އެތައް ކަމެއް އަހަރެމެންގެ ކުރިމަތިން ފެންނަމުންދާ އިރު، އެކަމަށް އެންމެން ވެސް ހޭލުންތެރިވާން އެބަޖެހެ އެވެ.
ސޯޝަލް މީޑިއާގައި، އަދި އެނޫން ތަންތާނގައި ވެސް ތިމާއަށް އެހެންމީހުންނާ ހިއްސާކުރެވެނީ ކޯއްޗެއްކަން އެނގެން ޖެހެ އެވެ. ދަރިންނާއި ތިމާގެ ޒިންމާގެ ދަށުގައި ތިބޭ ފަރާތްތަކުން ވެސް މިފަދަ ވަސީލަތްތައް ބޭނުންކޮށްގެ ކުރާ ކަންކަން ރަނގަޅަށް މޮނިޓާކުރަން ޖެހެ އެވެ. މިއީ ހަމައެކަނި މުއައްސަސާތަކުން އިސްނަގައިގެން ކަމެއް ކޮށްލައިގެން ނިންމާލެވޭވަރު ކަމެއް ނޫނެވެ. މިކަމުގައި ފަރުދީ ޒިންމާ ވަރަށް ވެސް ބޮޑެވެ.