29 Jan 2018, 09:00
އިނގިރޭސި އެފްއޭ ކަޕުގައި މެންޗެސްޓާ ސިޓީން ރޭ ކުޅުނު މެޗުން މޮޅުވިނަމަވެސް ކޯޗު ޕެޕް ގާޑިއޯލާ ރެފްރީންގެ ނިންމުންތަކަށް ފާޑު ކިޔައިފިއެވެ.
ކާޑިފް ސިޓީގެ ދަނޑުގައި އެޓީމާ ދެކޮޅަށް ރޭ ސިޓީން ކުޅުނު މެޗު ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ކާޑިފް ކުޅުންތެރިންގެ ފަރާތުން ނުރައްކާތެރި ޓެކުލްތަކެއް ފެނިފައިވެއެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފްގައި ސިޓީގެ ލެރޮއީ ސާނޭއަށް ކާޑިފްގެ ބެނެޓް ކުރި ފައުލަކާ ގުޅިގެން އޭނާއަށް އަނިޔާވެ ވަނީ ބަދަލުކުރަން ޖެހިފައެވެ. އަދި ސިޓީގެ ބްރަހިމް ޑިއާޒާއި ސާޖިއޯ އަގުއޭރޯގެ ފަޔަށް ކާޑިފްގެ ޑިފެންޑަރުން ކުރި ޓެކުލްވެސް ނުރައްކާތެރި ކަމަށް ފާހަގަކުރެވުނެވެ. ގާޑިއޯލާ ބުނެފައިވަނީ މީގެ އެއްވެސް ޓެކުލަކަށް ސީދާ ރަތްކާޑު ނުދެއްކުމަކީ ދެރަކަމެއް ކަމަށެވެ.

އަގުއޭރޯގެ ފަޔަށް ކުރި ޓެކުލަކާ ގުޅިގެން އޭނާއަށް ވަނީ ފަރުވާދީފަ --- ފޮޓޯ/ އޭޕީ
މެޗަށްފަހު ވާހަކަދައްކަމުން ގާޑިއޯލާ ބުނެފައިވަނީ ކުޅުންތެރިން ރައްކާތެރިކުރުމަށް ރެފްރީން އެއްބާރުލުން ދޭން ޖެހޭނެ ކަމަށާއި، ރެފްރީގެ ނިންމުންތަކަކީ ގަބޫލުކުރެވޭނެ ނިންމުންތަކެއް ނޫން ކަމަށެވެ.
ރޭގެ މެޗުގައި ސާނޭގެ ފަޔަށް ޓެކުލް ޖެހި ބެނެޓް، މެޗު ނިމެންދަނިކޮށް ސިޓީގެ ޑިއާޒްގެ ފަޔަށް ކުރި ޓެކުލަކާއެކު ރެފްރީ ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ.
މީގެ އިތުރުންވެސް ރޭގެ މެޗުގައި ސިޓީން ޖެހި ގޯލެއް އޮފްސައިޑް ކަމަށް ރެފްރީ ދެއްކުމުން އެކަމަށްވެސް ގާޑިއޯލާ ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އޭރިއާ ބޭރުން ބެނާޑޯ ސިލްވާ ފޮނުވާލި ބޯޅައަށް ސާނޭ އޮފްސައިޑް މަގާމުގައި ހުރެ ހަރަކާތްކުރި ކަމަށް ބަލައި ލައިންސްމަން އޮފްސައިޑް ކަމަށް ދެއްކި ނަމަވެސް ގާޑިއޯލާ ބުނީ އެ ގޯލް އޮފްސައިޑް ކަމަށް ދެއްކޭނެ އެއްވެސް ހަމައެއް ނޯންނާނެ ކަމަށެވެ.

ސިޓީގެ ފުރަތަމަ ގޯލް ޖެހި ޑިބްރޭނާ އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ
ރޭގެ މެޗުގައި ސިޓީގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ ކެވިން ޑިބްރޭނާއެވެ. ކާޑިފްގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން ޑިބްރޭނާ ކުރިއަށް ފޮނުވާލީ ފާރުގެ ތިރިން ގޯލްގެ ތިރީ ކަނަށެވެ. ސިޓީގެ ދެވަނަ ގޯލަކީ ބެނާޑޯ ސިލްވާގެ ހުރަހަކުން ސްޓާލިން ކާމިޔާބުކޮށްދިން ގޯލެކެވެ.