އިދިކޮޅު ކޯލިޝަނުން ބުނަމުންދާވަރުގެ ތާއީދެއް އިދިކޮޅު ފަރާތްތަކަށް އޮތްނަމަ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމުން ދުރުކުރުމަށް ސުޕްރީމް ކޯޓަށް ދާން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމަކީ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ކުރެވޭނެ ކަމެއް ނޫން ކަމަށާއި އިދިކޮޅު ފަރާތްތަކުން ކުރަމުންދަނީ އެއްވެސް ތާކުންތާކު ނުޖެހޭ މަސައްކަތްތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރެވޭނެ ގޮތްތައް ގާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ވަރަށް ސަރީހަ އިބާރާތުން ލިޔެފައިވާކަމަށެވެ. އޭގެތެރޭގައި ރައީސްގެ މަގާމުގައި ހުންނަ ބޭފުޅަކު އިސްލާމް ދީނުގެ އަސްލަކާ ޚިލާފުވުމާއި މަގާމުގައި ހުރެ ކުރަން ނުވާވަރުގެ ކަމެއް ކުރުމާއި މައްސޫލިއްޔަތު އަދާކުރެއްވުމުގެ ގާބިލިއްޔަތު ނެތުން ހިމެނޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ބުނެވިދިޔަ އެއްވެސް ކަމެއް ރައީސް ޔާމީން ކުރައްވާފައެއްނުވޭ،" އަދުރޭ ވިދާޅުވިއެވެ.

"މި ތިން ހާލަތު މެދުވެރިވި ނަމަވެސް ދެން މިކަން ކުރެވެން ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން. އަދި އެ ގަރާރުން ވެސް ކޮމެޓީއެއް ނަގައިގެން ތަހުގީގުކޮށް އޭގެން ދިފާއުވުމުގެ މަސައްކަތްކުރުމުގެ ފުރުސަތު ރައިސުލްޖުމްހޫރިއްޔާ އަށް ވެސް ދެއްވާ." އަދުރޭ ވިދާޅުވިއެވެ.

ރައިސުލްޖުމްހޫރިއްޔާ އަޒުލް ކުރުމަކީ ދެ މީހަކު އެއްވެލައިގެން ކުޅޭކުޅޭ ގޮތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ބޭފުޅުންނަށް ވެސް އެކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ރައީސް ޔާމީން މި ގައުމަށް ގެންނަމުންދާ ތަރައްގީ ހަޖަމް ނުވެގެން އެ އުޅޭނީ. ހަމަ ރަނގަޅަށް އެބަ އެނގިވަޑައިގަންނަވާނެ އިންތިހާބެއްގައި ވާދަކުރައްވައިގެން ރައީސް ޔަމީން ބަލި ނުކުރެއްވޭނެ ކަން. އެ ބޭފުޅުން ހިނގައިދާނެ ތިއަށްވުރެން ބޮޑެތި ކަންތައްތައް ވެސް ކުރައްވަން ސުޕްރީމް ކޯޓަށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އިދިކޮޅު ހަތަރު ލީޑަރަކު ރައީސް ޔާމީން މަގާމުން ދުރުކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެހެން އެއްވެސް މުއައްސަސާއަކުން އެ މަސައްކަތް ކުރުމަށް ނުކުޅެދިފައިވާ ކަމަށް ބުނެއެވެ.

ގާނުނުއަސާސީގެ 100 ވަނަ މާއްދާގައި ވާގޮތުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިންބައިކުޅައި ދެބައިގެ އަޣުލަބިއްޔަތުންނެވެ.

މިދިޔަ އަހަރުގެ މޭ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ފަހު ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށެވެ.

އެގޮތުން ރައީސް އަދި ނައިބު ރައީސް ވަކިކުރުމުގެ މައްސަލަތަކާއި ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަތަކާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައިވެސް ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް އެ އަމުރުގަިއ ބުނެފައިވެއެވެ.