29 Jan 2018, 08:52
އިންޑިއާގެ އެކިއެކި ކުޅިވަރު ލީގުތަކުގައި ރާއްޖޭގެ ކުޅުންތެރިން ކުޅޭތަން ދެކެން ބޭނުންވާ ކަމަށާއި، ރާއްޖެއިން އެފަދަ ހުނަރުވެރި ކުޅުންތެރިން ފެންނަ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވެއްޖެއެވެ.
ނޭޕާލްގެ ސަންދީޕް ލަމިޗޭން، އިންޑިއާގެ ކްރިކެޓް ލީގު ކަމަށްވާ އައިޕީއެލްއަށް ބޮޑު އަގުގައި ގެންގޮސްފައިވާ އިރު، އޭނާ ވެފައިވަނީ އިންޑިއާގެ އައިޕީއެލް ލީގަށް ގެންދިޔަ ފުރަތަމަ ނޭޕާލް ކުޅުންތެރިޔާއަށެވެ. އުމުރުން 17 އަހަރުގެ އުކުންތެރިޔާ ލަމިޗޭން، އައިޕީއެލްގެ ޑެއްލީ ޑެއާޑެވިލްސްއަށް ގެންގޮސްފައިވަނީ 20 ލައްކަ ރުޕީސްއަށެވެ.
އިންޑިއާގެ ނިއުސް18 ގައި ސަންދީފް ލަމިޗޭންގެ ޓްރާންސްފާ ވާހަކަ ޖަހައިފައިވާ ހަބަރު ޓުވިޓާގައި ޝެއާކުރައްވަމުން އިންޑިއާގެ ސަފީރު ވިދާޅުވީ އިންޑިއާއާއި ރާއްޖެއާ ދެމެދު ކުޅިވަރުގެ ގުޅުންތައް ވަރުގަދަ ކުރެވިދާނެ ކަމަށެވެ. އަދި ރާއްޖޭގައި ކުޅިވަރުގެ ހުނަރުވެރި ގިނަ އެތުލީޓުންތަކެއް އެބަތިބި ކަމަށާއި، ރާއްޖޭގެ ޒުވާން ޖީލަކީ ކުޅިވަރަށް ލޯބިކުރާ ޖީލެއް ކަމަށެވެ. އެހެންކަމުން އިންޑިއާގެ ކުޅިވަރު ލީގުތަކުގައި ރާއްޖޭގެ ކުޅުންތެރިން ކުޅޭތަން ދެކެން ބޭނުންވާ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
އިންޑިއާގެ ކްރިކެޓް ފްރެންޗައިޒް އައިޕީއެލްއަކީ ދުނިޔޭގައި ކުރިއަށްދާ އެންމެ ވަރުގަދަ އެއް ކްރެކެޓް ލީގެވެ. އަދި އެގައުމުގެ ފުޓުބޯޅައިގައި ކުރިއަށްދާ ސުޕަލީގަކީވެސް ގިނަބައެއްގެ ސަމާލުކަން ހޯދަމުން އަންނަ ލީގެކެވެ.
ރާއްޖެއާއި އިންޑިއާއަކީ ދެކުނު އޭޝިއާ ފުޓުބޯޅައިގައި އެންމެ ވާދަވެރި ދެ ގައުމެވެ. މިދިޔަ ދެތިން އަހަރު ތެރޭގައި ދިވެހި ފުޓުބޯޅައިން މާބޮޑު ކުރިއެރުމެއް ނުފެނުނު ނަމަވެސް، އިންޑިއާއިން ވަނީ ކުރިއެރުންތަކެއް ހޯދައިފައެވެ.