28 Jan 2018, 22:10
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ސްޓޫޑަންޓް ޔޫނިއަންއިން އެ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގައި ކިޔަވާ ދަރިވަރުންނާއި ބައްދަލުކޮށް އެ ކެމްޕަހުގައި ޔޫނިއަންގެ ގޮތްޕެއް ހެދުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފިއެވެ.
މިއަދު މެންދުރުފަހު ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި އަލަށް އިންތިހާބުވި ޔޫނިއަންގެ ހިންގާ ކޮމިޓީގެ އިސްވެރިންވަނީ ދަރިވަރުންނާއި ބައްދަލުކޮށް މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.
އެމްއެންޔޫ އެސްޔޫއިން މިއަދު ކުޅުދުއްފުށީ ކެމްޕަހުގެ ދަރިވަރުންނާއި ބައްދަލު ކުރުމުގެ ތެރެއިން--ސަން ފޮޓޯ/ މުހައްމަދު ސަމާހް
ކުޅުދުއްފުށީ ކެމްޕަހުގައި ހުންނަވައިގެން "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އެ ޔޫނިއަންގެ ރައީސް އަރުޝަދު އަޝްރަފް ވިދާޅުވީ މިއަދު ކުރިއަށް ދިޔަ ބައްދަލުވުމަކީ މިހާރު އެ ޔޫނިއަން އިން އެންމެ އިސްކަމެއް ދީގެއް ކުރަމުން ގެންދާ އެއް މަސައްކަތް ކަމަށްވާ އަތޮޅު ތެރޭގެ ކެމްޕަސް ތަކުގައި ގޮފިތައް ހެދުމުގެ މަސައްކަތުގެ ތެރެއިން މަސައްކަތެއް ކަމަށެވެ.
އޭނާ ވިދާޅުވީ މިއަދު ކުރިއަށް ދިޔަ ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށާއި ކުޅުދުއްފުށީގައި ގޮތްޕެއް ހެދޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.
އެމްއެންޔޫ އެސްޔޫގެ ރައީސް އަރުޝަދު އަޝްރަފް --- ސަން ފޮޓޯ/ މުހައްމަދު ސަމާހް
"އަޅުގަނޑުމެން ޔޫނިއަން ހިންގެވުމާ ހަވާލުވިފަހުން އެންމެ ބޮޑޫއިސްކަމެއް މި ދެނީ އަތޮޅުތެރޭގައި ހުރި ކެމްޕަހުގައި ތިބި ކުދިންނަށް މާލެ އެކޭ އެއްވަރަކަށް ފުރުސަތު ހޯދައިދެން. މިއީ ޔުނިވަސިޓީގައި ކިޔަވަމުންދާ ބާރަ ހާހަށް ވުރެ ގިނަ ކުދިންގެ ހިއްސާ އޮންނަ ޔޫނިއަންއެއް. އެހެންކަމުން ޔޫނިއަންގެ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ސީދާ ގޮތެއްގައި ހުރިހާ ދަރިވަރުންނަށް ހޯދައިދެން ބޭނުންވަނީ،" އަޝްރަފް ވިދާޅުވިއެވެ.
މިއަދު ކުރިއަށް ދިޔަ ބައްދަލުވުމުގައި ކުޅުދުއްފުށީ ކެމްޕަހުގައި ކިޔަވަމުންދާ ފުލްޓައިމް ކޯސްތަކުގައި ކިޔަވާ 60 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
އެމްއެންޔޫ އެސްޔޫއިން މިއަދު ކުޅުދުއްފުށީ ކެމްޕަހުގެ ދަރިވަރުންނާ ބައްދަލު ކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ސަމާހް
ތިން ދުވަހުގެ މުއްދަތަކަށް ޔޫނިއަން ގެ އެކްސްކޯއިން ހދ. އަތޮޅަށް ކުރަމުންދާ ދަތުރުގައި ތަފާތު ގިނަ ހަރަކާތްތައް ކުރިއަށް ވަނީ ގެންގޮސްފައެވެ.