28 Jan 2018, 18:03
ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންދަންޖެހޭ ސީޓީ ސްކޭން މެޝިން އަވަހަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެ ހޮސްޕިޓަލް ހިންގުމާ ހަވާލުވެފައިވާ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (ނިމްސް)ގެ ދިވެހި ހިއްސާދާރު އުސައިދު އަލީ ގޮވާލައިފިއެވެ.
އުސައިދު މިއަދު "ސަން" އަށް ވިދާޅުވީ ސީޓީ ސްކޭން މެޝިން އަވަހަށް ހޮސްޕިޓަލަށް ގެންދިޔުމަށް މީގެކުރިން އޭނާ ވަނީ މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ. އެގޮތުން ނިމްސްގެ މެނޭޖިން ޑިރެކްޓަރު ފައިޒަލް ޚާނާ އިންޑިއާގައި ބައްދަލުކޮށް އެކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އުސައިދު ވިދާޅުވީ ނޮވެމްބަރު މަހުގެ ތެރޭގައި އެކުންފުނިން ސީޓީ ސްކޭން މެޝިން ރާއްޖެ ފޮނުވާފައިވާ ކަމަށާއި ނަމަވެސް ކަސްޓަމުން ކްލިއާނުކުރެވޭތީ އެ މެޝިން އަދިވެސް ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދެވޭ ގޮތް ވަނީ ނުވެފައި ކަމަށެވެ.
އޭނާ ވިދާޅުވީ ކަސްޓަމުން އެ މެޝިން ކްލިއާ ނުކުރެވިގެން އުޅެނީ ސަސްޕްލައިކުރި ކުންފުނި ކަމަށްވާ ޖެނެރަލް އިލެކްޓޯނިކްސްގެ ފަރުވާކުޑަކަމުން ކަމަށެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލްގައި ސީޓީ ސްކޭން މެޝިނާއި އެމްއާރްއައި މެޝިން ބަހައްޓަން ހަދާ ރޫމް --- ސަން ފޮޓޯ: މުހައްމަދު ސަމާހު
"ކުޅުދުއްފުށީ ހޮސްޕިޓަލަކީ 60،000 މީހުން ޚިދުމަތް ހޯދާ ތަނެއް. މި ހޮސްޕިޓަލަށް ސިޓީ ސްކޭން މެޝިނެއް ކޮންމެހެން ވެސް ބޭނުންވޭ. މާލޭ ނޮގޮސް ސީދާ މިރަށުން ސީޓީ ސްކޭންގެ ޚިދުމަތް ލިބޭނެ އިންތިޒާމް ވީހާވެސް އަވަހަކަށް ހަމަޖައްސައިދިނުމަށް އަޅުގަނޑު ގޮވާލަން،" އުސައިދު ވިދާޅުވިއެވެ.
ސަން އަށް އެނގިފައިވާގޮތުގައި ސީޓީ ސްކޭން މެޝިނާއި އެމްއާރްއައި މެޝިން ބަހައްޓަން އެ ހޮސްޕިޓަލްގައި ހަދާ ރޫމްގެ މަސައްކަތް އަދިވެސް ނުނިމެއެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގާ އިންޑިއާގެ ނިމްސް އާއި ދިވެހި ހިއްސާދާރު އުސައިދުއާ ދެދު މައްސަލަ ޖެހި، އެ ހޮސްޕިޓަލަށް އަންނަންޖެހޭ ތަރައްގީ މަޑުޖެހިފައިވާތީ ހެލްތު މިނިސްޓްރީން އެކަންކަން ހައްލުކުރަން ނިމްސްއަށް 10 ދުވަހުގެ މުހުލަތެއް ދިނެވެ.
އެ މުހުލަތު ހަމަވުމުން ނިމްސް އިން ވަނީ މައްސަލަތައް ހައްލުވެފައިވާ ކަމަށް ބުނެ ސިޓީއަކުން އެކަން ހެލްތު މިނިސްޓްރީއަށް އަންގާފައެވެ. ނަމަވެސް އޭގެފަހުން ވެސް މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ.