ރެއާލް މެޑްރިޑަކީ ބާސެލޯނާ އަށްވުރެ މޮޅު ޓީމެއް ކަމަށް އެކްލަބުގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލޯ މިހެން ބުނެފައި މިވަނީ މިރޭ ސްޕެނިޝް ސުޕާކަޕްގެ ދެވަނަ ލެގުގައި މިދެޓީމް ބައްދަލުކުރަން ހަމަޖެހިފައި ވަނިކޮށެވެ.

"ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑް އަހަރެމެން ނަށްވުރެ މޮޅަށް ކުޅުނު. މިދިޔަ ތިން ދުވަހު އަހަރެމެންގެ ޓީމް ރަނގަޅު ކޮށްފައިވާނެ. އެހެންނަމަވެސް އަހަރެމެންނަށްވުރެ އަދިވެސް ރެއާލް މޮޅުވާނެ." ބާސެލޯނާގެ ކޯޗް ޕެޕް ގާޑިއޯލާ ބުންޏެވެ.

ރެއާލް މެޑްރިޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗް 2-2 ން އެއްވަރުވުމުން ބާސެލޯނާއަށް ފައިދާތަކެއް ލިބިފައިވެ އެވެ. ބާސެލޯނާއިން 0-0 ނުވަތަ 1-1 ގެ ނަތީޖާއެއް ނެރުނަސް އެޓީމަށް ސީޒަންގެ ފުރަތަމަ ތަށި ކަށަވަރުވެގެންދާނެ އެވެ.

"ދެވަނަ ލެގްގެ ކުޅުން ދެހަފްތާއެއްހާ ދުވަސްފަހުން ކުޅޭނަމަ އަހަރެމެންނަށް ފަސޭހަކަމާއެކު ރެއާލް މެޑްރިޑްގެ މައްޗަށް ކުރި ހޯދޭނެ. ރެއާލް މެޑްރިޑްގެ މައްޗަށް ކުރިހޯދުމަށް ފުރަތަމަ ލެގުގައި ކުޅުނު ކުޅުމަށްވުރެ ރަނގަޅަށް އަހަރެމެން ދެވަނަ ލެގުގައި ކުޅެންޖެހޭނެ." ގާޑިއޯލާ ބުންޏެވެ.

އާސެނަލްއިން ބާސެލޯނާއަށް ބަދަލުވި ސްޕެއިން ތަރި ސެސް ފެބްރިގާސް މިރޭގެ މެޗްގައި ފެނިގެންދާނެ ކަމަށް ގާޑިއޯލާ ބުނެފައިވެ އެވެ.

"ފެބްރިގާސް ވަރަށް ރަނގަޅަށް ޓްރެއިނިންގްތަކުގައި ބައިވެރިވި. އޭނާ ވަރަށް މަސައްކަތްކުރި. އޭނާ ވަނީ އަމިއްލަ އަށް ފަރިތަކުރުންތައް ކުރިއަށް ގެންގޮސް އަދި ޓީމާއިއެކު ވެސް ފަރިތަކުރުންތަކުގައި ބައިވެރިވެފަ. އޭނާ ދެވަނަ ލެގުގެ މެޗްގައި 90 މިނެޓް ކުޅޭނެކަން އަދި ޔަގީންނުވި ނަމަވެސް ސްކޮޑްގައި ހިމެނޭނެކަން ޔަގީން." ގާޑިއޯލާ ބުންޏެވެ.

ސުޕަކަޕް ދެވަނަ ލެގުގެ މެޗް މިރޭ 2:00 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު، މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ބާސެލޯނާގެ އަމިއްލަ ދަނޑުކަމަށްވާ ނޯކޭމްޕްގަ އެވެ.