ވިމެން އިން މެނޭޖްމެންޓް މޯލްޑިވްސް(ވިމް) ޖަމިއްޔާއިން އިސްނަގައިގެން އިތުބާރުހުރި ލީޑަޝިޕް ނުވަތަ ކްރެޑިބިލިޓީ އިން ލީޑަޝިޕާ ބެހޭ ޚާއްސަ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.

ވިމެން އިން މެނޭޖްމެންޓާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން އިއްޔެ ބޭއްވި އެ ވޯކްޝޮޕަކީ، އޮފީސް މާހައުލުގައި ލީޑަޝިޕް ރޯލުތައް އަދާކުރާ މީހުން އެމީހެއްގެ ލީޑާޝިޕަށް މީހުންގެ އިތުބާރު ހޯދާނީ ކިހިނެތްކަން ދަސްކޮށްދޭނެ ވޯކްޝޮޕެކެވެ. އެ ވޯކްޝޮޕުގައި ޖުމްލަ 32 މީހުން ވަނީ ބައިވެރިވެފައެވެ.

ވިމް ޖަމިއްޔާއިން އިސްނަގައިގެން އިތުބާރުހުރި ލީޑަޝިޕް ނުވަތަ ކްރެޑިބިލިޓީ އިން ލީޑަޝިޕާ ބެހޭ ގޮތުން ބޭއްވި ޚާއްސަ ވޯކްޝޮޕްގެ ތެރެއިން-- ފޮޓޯ: ވިމް

މި ވޯކްޝޮޕްގައި ފެސިލިޓޭޓް ކޮށްދެއްވާފައި ވަނީ ސްރީލަންކާގެ ތަޖުރިބާކާރެއް ކަމުގައިވާ، ޑރ. ސުލޯޗަނާ ސެގެރާއެވެ. އޭނާއަކީ ސެޓިފައިޑް ޕާސަނަލް ޑިވެލޮޕްމެންޓް ޓްރެއިނަރެކެވެ.

ވިމެން އިން މެނޭޖްމެންޓުގެ ރައީސާ މިންހާ ފާއިޒް ވިދާޅުވީ އެންމެނަކީ ލީޑަރުން ނަމަވެސް އެ ވޯކްޝޮޕުން އެތިކަލް ލީޑަޝިޕެއް ދަސްވެގެން ދިޔަ ކަމަށެވެ.

ވިމް ޖަމިއްޔާއިން އިސްނަގައިގެން އިތުބާރުހުރި ލީޑަޝިޕް ނުވަތަ ކްރެޑިބިލިޓީ އިން ލީޑަޝިޕާ ބެހޭ ގޮތުން ބޭއްވި ޚާއްސަ ވޯކްޝޮޕްގެ ތެރެއިން-- ފޮޓޯ: ވިމް

"ޕްރޮފެޝަނަލް އަދި ޕާސަނަލް ދިރުއުޅުމުގައި އަގު ހިފަހައްޓައި ދަމަހައްޓަން ބައެއް ފަހަރު ވަރަށް އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހޭ. ނަމަވެސް އަބަދުވެސް އެންމެ ފަސޭހަ ނިންމުމަށްވުރެ އިސްކަން ދޭން ޖެހޭނީ ރަނގަޅު ނިންމުމެއް ނިންމަން. އެއީ ވޯކްޝޮޕްގެ މަގްސަދަކީ،" މިންހާ ވިދާޅުވިއެވެ.

މިންހާ ވިދާޅުވީ ވޯކްޝޮޕްގެ ހުރިހާ ބައިވެރިން ވެސް ތިބީ ވަރަށް ހިތްހަމަ ޖެހިފައި ކަމަށާއި ހުރިހާ ބައިވެރިންނަށް ވެސް ކްރެޑިބަލް ލީޑަރުންނަށް ވެވޭނެ ގޮތް އެނގިގެން ގޮސްފައިވާ ކަމަށެވެ.

ވިމް ޖަމިއްޔާއިން އިސްނަގައިގެން އިތުބާރުހުރި ލީޑަޝިޕް ނުވަތަ ކްރެޑިބިލިޓީ އިން ލީޑަޝިޕާ ބެހޭ ގޮތުން ބޭއްވި ޚާއްސަ ވޯކްޝޮޕްގެ ތެރެއިން --- ފޮޓޯ: ވިމް

"އާންމު ގޮތެއްގައި މި ކިޔައިދެނީ ލީޑަރުންނަށް ވާން. ނަމަވެސް މި ވޯކްޝޮޕްގެ އެހީގައި ކްރެޑިބަލް ލީޑަރުންނަށް ވާން ބައިވެރިންނަށް ވަނީ ކިޔައިދީފައި. އަދި ތިއޮރީސްގެ ބަދަލުގައި އަމަލީ ގޮތުން ވިސްނުން ބޭނުން ކުރަން ކިޔާދީފައި ވާނީ މި ވޯކްޝޮޕްގައި،" މިންހާ ވިދާޅުވިއެވެ.

މި ވޯކްޝޮޕް ކާމިޔާބު ކަމާއެކު ނިންމަލުމުގައި ގައުމީ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަނުން ދިން އެއްބާރުލުން މިންހާ ވަނީ ފާހަގަ ކުރައްވާފައެވެ.

ވިމް ޖަމިއްޔާއިން އިސްނަގައިގެން އިތުބާރުހުރި ލީޑަޝިޕް ނުވަތަ ކްރެޑިބިލިޓީ އިން ލީޑަޝިޕާ ބެހޭ ގޮތުން ބޭއްވި ޚާއްސަ ވޯކްޝޮޕްގެ ތެރެއިން-- ފޮޓޯ: ވިމް

ވިމެން އިން މެނޭޖްމެންޓަކީ އަންހެނުން ބާރުވެރިކޮށް އެމީހުންގެ ހުނަރު އިތުރުކޮށް، އެއްބަޔަކު އަނެއްބަޔަކާ ގުޅުވައިދީ އަދި ބައިނަލަގްވާމީ ފެންވަރުގައި އަންހެނުން ތަމްސީލުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން މަސައްކަތް ކުރާ ސްރީލަންކާގެ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ ރާއްޖޭގެ ގޮފި، އިފްތިތާހު ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.