މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގައި ގިނަ ދުވަސްތަކެއް ހޭދަކުރި ޑިފެންޑަރު ސަމްދޫހު މުހައްމަދު، ކްލަބު ގްރީން ސްޓްރީޓްސްއަށް ސޮއިކޮށްފިއެވެ.

މާޒިޔާއަށް ކުޅެމުންދިޔަ ސަމްދޫހު، ގްރީނަށް ސޮއިކުރިކަން އެ ކްލަބުން ވަނީ ކަށަވަރުކޮށްދީފައެވެ. ގްރީނަށް އޭނާ ގުޅުމަށް އެއްބަސްވެފައިވަނީ ކުރިއަށްއޮތް ސީޒަނުގެ ނިޔަލަށެވެ.

މާޒިޔާއަށް 2012 އަހަރުން ފެށިގެން ކުޅެމުންދިޔަ ސަމްދޫހު ވަނީ މާޒިޔާގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ. އޭގެ އިތުރުން ގައުމީ ޓީމުގެ ސްކޮޑުގެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ކުރިން އޭނާ ހިމެނިފައިވެއެވެ. މިދިޔަ ސީޒަނާ ހަމައަށް ސަމްދޫހުއަށް ގަވާއިދުން މާޒިޔާގެ ފުރަތަމަ 11އިން ޖާގަ ލިބެމުންދިޔަ ނަމަވެސް، މިދިޔަ ސީޒަނުގައި އޭނާއަށް އެޓީމުގެ ފުރަތަމަ 11އިން ޖާގަ ލިބުނީ ވަރަށް މަދު މެޗުތަކެއްގައެވެ.

ސަމްދޫހުއާއެކު ދ. ކުޑަހުވަދޫ ޓީމުން މިދިޔަ އަހަރު ވިދާލި އިރުފާން އާދަމް ނަސީރު ވެސް ވަނީ ގްރީންއާ ގުޅިފައެވެ. އޭގެ އިތުރުން ޔޫކްރޭނުގެ ޒުވާން ޑިފެންޑަރު އޯލިގް އެފިމްޗަކްއާއި، ތަޖުރިބާކާރު މިޑްފީލްޑަރު އަހުމަދު ނިޔާޒް (ނިޔާ)އާއި، އަސްހަދު އަލީ (އަޑުބަރޭ)އާއި، ކުރިން އީގަލްސްއަށް ކުޅުނު ހަސަން އަބްދުﷲ (އުޗީ)އާއި، މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ގދ. ތިނަދޫ ޓީމަށް ކުޅުނު މުހައްމަދު ރިޝްވާން (ފުކޭ) ވެސް އެޓީމަށް ވަނީ ގެނެސްފައެވެ.

ގްރީނުން ބުނެފައިވަނީ މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބިދޭސީ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ސޮބުލް އިލިއާ އަދި ކީޕަރު ޖުން ކޮޗީ، މިސީޒަންގައި ވެސް އެޓީމުން ފެންނާނެ ކަމަށެވެ. އަދި އެފިމްޗަކްގެ އިތުރުން ބިދޭސީ މިޑްފީލްޑަރެއް ވެސް ގެންނާނެ ކަމަށް ގްރީނުން ވަނީ ބުނެފައެވެ.