ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ރައީސް ކަމުގެ މަގާމުން ދުރުކޮށް ދިނުމަށް އިދިކޮޅު ހަތަރު ލީޑަރަކު ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ސޮއިކޮށް ރައީސް ޔާމީނާ ގުޅުން ހުރި މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެއީ ރައީސް ޔާމީނާ ގުޅުން ހުރި ކޮރަޕްޝާނާއި ވައްކަމުގެ މައްސަލައެއް ކަމަށާއި މައްސަލައިގައި ރައީސް ޔާމީން މަގާމުން ދުރުކޮށްދޭން އެދިފައިވާނެ ކަމަށްވެސް ނަޝީދު ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.

ގާނުނުއަސާސީގެ 100 ވަނަ މާއްދާގައި ވާގޮތުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިންބައިކުޅައި ދެބައިގެ އަޣުލަބިއްޔަތުންނެވެ.

މިދިޔަ އަހަރުގެ މޭ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ފަހު ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށެވެ.

އެގޮތުން ރައީސް އަދި ނައިބު ރައީސް ވަކިކުރުމުގެ މައްސަލަތަކާއި ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަތަކާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައިވެސް ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް އެ އަމުރުގަިއ ބުނެފައިވެއެވެ.