28 Jan 2018, 14:03
ފުލުހުންގެ މުއައްސަަސާގެ ތެރޭގައި އެއްވެސް ނުތަނަވަސްކަމެއް ނެތް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ސްޕޯކްސްޕާސަން ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ޝިފާން ވިދާޅުވީ ޕޮލިސް ސާވިސް ހިނގަމުންދަނީ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފުގެ ކޮމާންޑް އަދި ކޮންޓްރޯލުގެެ ދަށުން ކަމަށެވެ. މިފަދަ ކޮމެންޓެއް ފުލުހުން ކޮށްފައި މިވަނީ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނު ހައްޔަރު ކުރުމަށް ސީޕީ އަރީފު ދެކޮޅު ހެއްދެވި ކަމަށާއި މަގާމުގެ މަސްއޫލިއްޔަތުން ސީޕީ ދުރުކޮށްފައިވާކަމަށް ބައެއް މީޑިއާތަކުގައި ވާހަކަ ދެކެވެމުން ދަނިކޮށެވެ.
ފުލުހުންގެ ތަރުޖަމާނު ޝިފާން ވިދާޅުވީ ކޮމިޝަނާ އޮޕް ޕޮލިސް އަހުމަދު އަރީފް އާއި އެބޭފުޅާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ސުވާލު އުފެދޭގޮތަށް މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
"ސީޕީ އަރީފު ހުންނެވީ ފުރިހަމަ އިޚްތިޔާރާއެކު މަގާމުގައި. ޕޮލިސް ސާވިސްގެ ހުރިހާ ކަމެއް ކުރިއަށްދަނީ ސީޕީގެ ގާނޫނީ ކޮމާންޑުގެ ދަށުން،" ޝިފާން ވިދާޅުވިއެވެ.
މީގެ އިތުރުން ޝިފާން ވިދާޅުވީ ފުލުހުން ކުރާ ބޮޑެތި ތަހުގީގުތަކަކީ އަބަދުވެސް ޚާއްސަ ޓީމުތައް ނަގައިގެން ކުރަމުންދާ ތަހުގީގުތަކެއް ކަމަށެވެ.
އެގޮތުން ދިއްގަރު ދާއިރާގެ މެންބަރު ފާރިސްގެ މައްސަލަ ތަހުގީގު ކުރުމަށްވެސް ޚާއްސަ ޓީމެއް ނަގައިގެން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީއާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދުގެ ބެއްލެވުމުގެ ދަށުން ތަހުގީގު ކުރިއަށްދާ ކަމަށް ޝިފާން ވިދާޅުވިއެވެ.
ސިޔާސީ އޮއިވަރު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި ފުލުހުންނާ ގުޅޭގޮތުން ތަފާތު ވަހަކަތައް ދެކެވެމުންދާއިރު މީގެ ކުރިން ސަންއަށް ދެއްވި އިންޓަވިއުއެއްގައި ޝިފާން ވަނީ މާލޭގެ މަގުތަށް ހަލަބޮލިވެ، ކުށް ކުރާ މީހުންނަށް އެ ފުރުސަތު ދީ، ތާރީހު އިޔާދަވާކަށް ދެން ފުރުސަތެއް ނުދޭނެ ކަމަށް ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބަށް ގައުމު ހަލަބޮލިވާނެކަން މާ ކުރިން ވެސް ލަފާ ކޮށްފައިވާނެ ކަމަށާއި ކޮންމެ ހާލަތެއް މެދުވެރި ވިޔަސް މީގެ ކުރިން ގައުމު ގޮސްފައިވާ ހާލަތަށް މިފަހަރު ދިޔަ ނުދޭނެ ކަމަށް ޝިފާން ވިދާޅުވިއެވެ. މީގެ އިތުރުން ފުލުހުން ކުރަނީ ސިޔާސީ މަސައްކަތެއް ނޫން ކަމަށާއި ފުލުހުންގެ ވާޖިބަކީ ރާއްޖޭގައި ދިރުއުޅޭ، އަދި ރާއްޖޭ އަށް ޒިޔާރަތް ކުރާ އެންމެނަށް އަމާން މުޖުތަމަކަށް ހެދުން ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.