ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމަށް އަދި ކުރީގެ ރައީސުންނަށްވެސް ގާނޫނަށްވުރެ މަތި ނުވެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޝައިނީ އެހެން ވިދާޅުވީ ރައީސް މައުމޫނު ރޭ ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންއެވެ. ރައީސް މައުމޫނު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތުގެ ގާނޫނުގެ ދަށުން އެމަނިކުފާނާއި އަނބިކަނބަލުންނަށް އެމްއެންޑީއެފުން ހިމާޔަތް ދޭން ޖެހޭނެ ކަމަށެވެ.

އަދި އެމްއެންޑީއެފުން ހިމާޔަތް ނުދެއްވަނީ ކީއްވެތޯ ރައީސް މައުމޫނުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އެ ޓްވީޓަށް ރައްދު ދެއްވައި ޝައިނީ ވިދާޅުވީ ގާނޫނުގެ ފަހަތުގައި ފިލައިގެން ކުރީގެ ރައީސެއް ކަމަކު ނޫޅެވޭނެ ކަމަށެވެ. އަދި ކޯޓު އަމުރުތަކަށް ތަބާނުވެވެސް ނޫޅެވޭނެކަމަށް ޝައިނީ ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ހިމާޔަތާ ރައްކާތެރިކަން ދޭ ގާނޫނުގެ ދަށުން ބަގާވާތް ކުރުމަށް ގޮވާލެވޭނެތޯ؟ އެއްވެސް މީހަކަށް ގާނޫނަށްވުރެ މައްޗަކަށް ނޭރޭނެ. އެކަން ވިސްނެންވެއްޖެ." ޝައިނީގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ބަގާވާތް ކުރަން ގޮވާލީ ކަމަށް ޝައިނީ ވިދާޅުވެފައިވާއިރު ސަރުކާރު ބަދަލު ކުރަން މިހާރުވެސް މަސައްކަތް ކުރަންވީ ކަމަށް ވިދާޅުވެ ރައީސް މައުމޫނު ވަނީ އިދިކޮޅު އިއްތިހާދުން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ.

އަދި ސަރުކާރު ބަދަލު ކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވި ވާހަކަފުޅަށް ބާރުދެއްވައި ރައީސް މައުމޫނު ވިދާޅުވެފައިވަނީ "އެއީ ވަރަށް ހިތްހަމަޖެހޭ ވާހަކަފުޅެއް" ކަމަށެވެ.

އެކަމަކާ ގުޅިގެން ސަރުކާރު މެމްބަރުން ވަނީ އެމައްސަލަ ބަލަން ޖެހޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަފުޅު ދައްކަވާފައެވެ.