މިސީޒަނަށްފަހު ބްރެޒިލް ތަރި ނޭމާ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ދޫކޮށް، ސްޕެއިންގެ ރެއާލް މެޑްރިޑާ ގުޅޭނެ ކަމަށް ދާދި ފަހުން ވާހަކަތައް ދެކެވެން ފެށިއެވެ. މިސީޒަނުގައި ޕީއެސްޖީއަށް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފި ނަމަ، ރެއާލަށް ނޭމާ ދޫކޮށްލާނެ ކަމަށްވެސް ވާހަކަތައް ފެތުރިގެންދިޔައެވެ.

ރެއާލަށް ނޭމާ ދާން އުޅޭކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ދާދިފަހުން ޕީއެސްޖީގެ ރައީސް ނާސިރް އަލް ހަލީފާ ވިދާޅުވިގޮތުގައި، އެ ވާހަކަތައް ދައްކަމުންދަނީ ވަރުގަދަ ކުޅުމެއް ދައްކަމުންދާ ކްލަބަށް ހަމަނުޖެހުން ގެނައުމުގެ ވިސްނުމުގައެވެ. ނަމަވެސް ރެއާލުން ނޭމާ ފެނިގެންގޮސްދާނެ ކަމަށްވެސް ޕީއެސްޖީގެ ރައީސް ގަބޫލުކުރައްވައެވެ.

ބޮޑެތި ކްލަބުތަކުން ނޭމާއަށް ޝައުގުވެރިކަން ފާޅުކުރަމުންދާތީ އެކަމާ އުފާކުރާ ކަމަށް އޭނާ ބުނެފައިވާ އިރު، ޕީއެސްޖީގައި ވެސް ހުރީ އުފަލުގައި ކަމަށް އޭނާ ބުނެއެވެ.

"އަހަރެން ޓީމުގެ އެހެން ކުޅުންތެރިންނާއެކު މިހުރީ އުފަލުން. ޕީއެސްޖީގައި އަހަރެން މިހުރީ އުފަލާއެކު. ރަނގަޅު މެޗުތަކެއް ކުޅެވިއްޖެ. އަހަރެން ޕީއެސްޖީއާ ގުޅުނީ ތާރީހުން ޖާގަ ހޯދުމަށް. އެކަމަށްޓަކައި އަހަރެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" މޮންޓްޕެލިއާ އަތުން ޕީއެސްޖީ މޮޅުވި މެޗަށްފަހު ނޭމާ ބުންޏެވެ.

ނޭމާ ބުނީ ޓްރާންސްފާއާ ބެހޭގޮތުން އެކި ވާހަކަތައް ދައްކާނެ ކަމަށާއި، ސަންތޯސްއިން ފެށިގެން ބާސެލޯނާގައި ހޭދަކުރި ދުވަސްތަކުގައި ވެސް އޭނާއާ ގުޅުވައިގެން އެފަދަ ވާހަކަތައް ދައްކަމުންދިޔަ ކަމަށެވެ. އަދި އެފަދަ ވާހަކަތައް ހުއްޓުވޭނެ ގޮތެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.