ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނު ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ބަންދުން ދޫކޮށްލުމުގެ އަމުރަކަށް އެދި ހެބިއަސް ކޯޕަސްގެ މައްސަލައެއް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ފާރިސް ހަމަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ފަހު ދެދުވަސް ކުރިން ދޫކޮށްލާފައި ވަނިކޮށް އިއްޔެ އަނެއްކާ ހައްޔަރުކުރީ ގާނޫނީ ސަރުކާރެއް ވައްޓާލަން މަޖިލިސް މެމްބަރުންނަށް ރިޝްވަތުދޭ ކަމަށް ބުނެއެވެ.

ފާރިސްގެ ވަކީލުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހެބިއަސް ކޯޕަސްގެ މައްސަލާގައި ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ.

އެގޮތުން މީގެ ކުރިން ކްރިމިނަލް ކޯޓުން އަމުރު ނެރުމުގައި އަމަލުކުރި އުސޫލުތަކާ ހިލާފަށް އަމުރު ނަގާފައިވުމާއި މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކާ ހިލާފަށް އަމުރު ތަންފީޒު ކޮށްފައިވާ ކަމަށް ބުނެ އެކަންވެސް ފާހަގަކޮށްފައިވެއެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގެ 207 ވަނަ މާއްދާގެ (ހ) އަދި (ބ) ގެ ދަށުން ކޯޓު އަމުރަކުން ބަންދުކުރާ މީހަކު ހެބިއަސް ކޯޕްސްއަށް ރިޓަކަށް ހުށަހެޅޭނެއެވެ.

ހެބިއަސް ކޯޕަސްގެ މައްސަލަތަކަކީ ގާނޫނާ ހިލާފަށް ބަންދުކުރާ މީހުން ބަންދުން ދޫކޮށްލުމުގެ އަމުރަކަށް އެދި ހުށަހަޅާ މައްސަލަތަކެވެ.

ފާރިސް ހައްޔަރުކުރުމަށް ފަހު ރޭ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަަށް 15 ދުވަސް ޖަހައިފައެވެ.