28 Jan 2018, 13:27
ހާބަރު ސަރަހައްދުގައި އެސްޓީއޯއިން ތަރައްގީކުރާ ފުޑް ކޯޓުގައި މިހާތަނަށް ކުއްޔަށް ނަގާފައި ނުވާ ހަތަރު ސްލޮޓުގައި ކެފޭ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
އެސްޓީއޯއިން އިއްޔެ ކުރި އިއުލާނުގައި ކުއްޔަށް ދޫކުރަން ހުޅުވާލައިފައިވަނީ 960 އަކަފޫޓުގެ ސްލޮޓުތަކުގެ ތެރެއިން އަމީނީމަގާ ވީ ފަޅިން ތިން ސްލޮޓާއި އިއްޒުއްދީން މަގާ ވީ ފަޅިން އެއް ސްލޮޓެވެ.
އެސްޓީއޯއިން ނެރުނު އިއުލާނުގައި ބުނެފައިވަނީ، ފުޑް ކޯޓުން ކެފޭ ހިންގުމަށް ޔުނިޓު ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަދުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެސްޓީއޯގައި ރެޖިސްޓްރީ ކުރަންޖެހޭ ކަމަށާއި، އަންނަ މަހުގެ 11 ވަނަ ދުވަހު ބިޑު ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އެސްޓީއޯއިން ފުޑް ކޯޓުގެ ގޮތުގައި ތަރައްގީކުރަނީ ހަތަރު ބްލޮކެކެވެ. އެއީ އަމީނީ މަގާ ވާގޮތަށް ދެ ބްލޮކާއި، އިއްޒުއްދީން މަގާ ވާގޮތަށް ދެ ބްލޮކެވެ.
އިއުލާނުގައިވާ ގޮތުން، ފުޑް ކޯޓުގައި ކެފޭ ހިންގާ ޔުނިޓުތައް ކުއްޔަށް ދޭނީ އަކަފޫޓެއް 53 ރުފިޔާ، ނުވަތަ އެމެރިކާ ޑޮލަރުން އެއާ އެއްވަރުގެ އަދަދުގެ ބޭސް ރޭޓުން ކަމަށެވެ.
އަމީނީ މަގުގައި ހަދާ ދެ ބްލޮކުގައި ޖުމްލަ 14 ޔުނިޓު ހުންނާނެއެވެ. އެއީ 1،660 އަކަފޫޓުގެ ދެ ޔުނިޓާއި، 1،260 އަކަފޫޓުގެ ހަތަރު ޔުނިޓާއި، 960 އަކަފޫޓުގެ އަށް ޔުނިޓެވެ.
އަދި އިއްޒުއްދީން މަގާވާ ގޮތަށް ހަދާ ދެ ބްލޮކުގައި ހުންނާނީ 1،660 އަކަފޫޓުގެ ދެ ޔުނިޓާއި، 1،260 އަކަފޫޓުގެ ތިން ޔުނިޓާއި 960 އަކަފޫޓުގެ ހަތް ޔުނިޓު ވާ ގޮތަށް ޖުމްލަ 12 ޔުނިޓެވެ.
އެސްޓީއޯއިން ބުނީ، ޔުނިޓުތަކުުގެ ބަދިގެތައް، އެތަނެއް ކުއްޔަށް ނަގާ ފަރާތަކުން ބޭނުންވާ ގޮތަކަށް އެތަނެއްގެ ބަދިގެ ކަސްޓަމައިޒް ކުރެވޭނެއެވެ. އެހެން ނަމަވެސް ބަދިގެ ހުންނަ ތަނުގައި ކެއްކުމާއި، ކާބޯތަކެތި ޑިސްޕްލޭ ކުރުމާއި، އެތަކެތި ސާރވް ކުރުމާއި ސްޓޯރޭޖުގެ އިތުރުން ޕޭމެންޓުގެ ކަންކަން ފިޔަވާ އެހެން ކަމެއް ނުކުރެވޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
މީގެ އިތުރުން އެސްޓީއޯއިން ބުނީ ފުޑް ކޯޓަށް ބޭނުންވާ މޭޒާއި ގޮނޑިއާއި ބެންޗުގެ އިތުރުން ޕްލާންޓަރ ބޮކްސް އަދި ކޮމަން އޭރިއާތަކުގެ ޑަސްބިންތައް އެސްޓީއޯއިން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ފުޑް ކޯޓުގައި މޭޒުތަކާއި ގޮނޑިތައް އަތުރާނެ ތަރުތީބުވެސް އެސްޓީއޯއިން ކަނޑައަޅާފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯއިން ބުނީ، ކޮންމެ ކުންފުންޏަކުންވެސް ކުރިމަތިލެވޭނީ އެންމެ ޔުނިޓަކަށް ކަމަށެވެ.