17 Aug 2011, 14:11
މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ލިބިދާނެ ގެއްލުންތައް ވީހާވެސް ކުޑަކުރުމަށްޓަކައި ތަފާތު ޕްރޮޖެކްޓުތައް ހިންގުމަށް 3.3 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ޓޫރިޒަމް އިންޑަސްޓްރީއާ ޔޫއެންޑީޕީއާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.
ތިން އަހަރު ދުވަހަށް ކުރިއަށް ގެންދާ "އިންކްރީސިން ކްލައިމެންޓް ޗޭންޖް ރެސިލިއަންސް އޮފް މޯލްޑިވްސް ތުރޫ އެޑަޕްޓޭޝަން އިން ދަ ޓޫރިޒަމް ސެކްޓާ" ޕްރޮޖެކްޓުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޔޫއެންޑީޕީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް އެންޑްރޫ ކޮކްސް އެވެ. ޓޫރިޒަމް އިންޑަސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާ އެވެ.
ޔޫއެންޑީޕީން ބުނި ގޮތުގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ޓޫރިޒަމް ދާއިރާ އަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް އެ ޕްރޮޖެކްޓް ހިންގުމުގެ ބޭނުމަކީ އެދާއިރާއަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ރައްޔިތުންނަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ފޯރާނެތީ އެކަމުން ސަލާމަތްވުމަށް ހާއްސަ ފިޔަޅުތަކެއް މިހާރު އެޅުމެވެ.
ޔޫއެންޑީޕީގެ ޕްރޮގްރާމް އެނަލިސްޓް މުހައްމަދު ޔާސިރު މިއަދު ވިދާޅުވި ގޮތުގައި، ގްލޯބަލް އެންވާރަމަންޓް ފެސިލިޓީ )ޖީއީއެފް( އިން 3.3 މިލިއަން ޑޮލަރު ]50.89 މިލިއަން ރުފިޔާ[ ހަރަދުކުރާ މި ޕްރޮޖެކްޓުގެ ދަށުން 20 ޕްރޮޖެކްޓެއް ހިންގުމަށް ވަނީ ރޭވިފައި އެވެ. އޭގެ ތެރެއިން 10 ޕްރޮޖެކްޓެއް ސީދާ ރިސޯޓުތަކަށް އަމާޒުކޮށްފައިވާއިރު، އަނެއް 10 ޕްރޮޖެކްޓަކީ ރިސޯޓުތަކާއި ރަށްރަށަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކަށް ހާއްސަކޮށްފައިވާ ޕްރޮޖެކްޓްތަކެއް ކަމަށް ޔާސިރު ވިދާޅުވި އެވެ.
ރިސޯޓުތަކުގައި ހިންގާ ޕްރޮޖެކްޓުތަކުގެ ދަށުން އެރިސޯޓުތަކުގެ އޮޕަރޭޝަންތައް "ކްލައިމެޓް ޕްރޫފް" ނުވަތަ މޫސުމީ ބަދަލުތަކުގެ އަސަރު ނުކުރާނެ ގޮތަކަށް ބަދަލު ކުރެވޭނެ ކަމަށް ޔާސިރު ވިދާޅުވި އެވެ. އޭގެ ތެރޭގައި ރިސޯޓުތަކުގެ ކުނި ނައްތާލެވޭނެ ރަނގަޅު ނިޒާމެއް ގާއިމްކުރުމާއި ދެމެހެއްޓެނެވި ހަަކަތައިގެ ނިޒާމެއް ގާއިމްކުރުމުގެ އިތުރަށް ރިސޯޓުތަކުގެ އިންފްރާސްޓްރަކްޗަރު ވެސް ބަދަލުކުރުން ހިމެނެ އެވެ.
އަދި ރަށްރަށާއި ރިސޯޓުތަކާ ގުޅިގެން ހިންގާ ޕްރޮޖެކްޓުތަކުގެ ދަށުން އެ ރިސޯޓުތަކާއި ކައިރި ރަށްރަށަށް ގުޅިގެން ކުނި ނައްތާލެވޭނެ ނިޒާމްތަކެއް ގާއިމްކުރުމާއި ދެފަރާތް ގުޅިގެން ދެމެހެއްޓެނި ގޮތަކަށް ބޯފެން ލިބޭނެ ގޮތްތަކެއް ހޯދުން ވެސް ހިމެނެ އެވެ. އަދި ރަށްރަށުގައި ހިންގާ އިއާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓަކަށް އެހީވުން ވެސް ހިމެނެ އެވެ.
މި ހުރިހާ ޕްރޮޖެކްޓެއް ހިންގުމަށް ވެސް ރިސޯޓުތަކުން ވަރަށް ބޮޑު ޝައުގުވެރިކަމެއް ފާޅުކޮށްފައިވާ ކަމަށާއި އަދި ރިސޯޓުތަކުން ވެސް މާލީ އެހީތެރިކަން ދޭނެ ކަމުގައި ޔާސިރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޕްރޮޖެކްޓަށް ހަރަދުކުރާ ވަރަށްވުރެ އިތުރަށް ރިސޯޓަކުން އެ ޕްރޮޖެކްޓަކަށް ހަރަދުކުރާނެ. އަޅުގަނޑުމެން އުއްމީދު މިކުރަނީ އަޅުގަނޑުމެން ފަންޑުކުރާ 3.3 މިލިއަން ޑޮލަރު، ރިސޯޓުތަކުން ދޭ އެހީއާ ލައިގެން މިތިން އަހަރު ތެރޭ ޑަބަލްވެގެން ދިއުން،" ޔާސިރު ވިދާޅުވި އެވެ
ޓޫރިޒްމް މިނިސްޓަރު ޒުލްފާ މިއަދު ވިދާޅުވީ، ޕްރޮޖެކްޓުތައް ހިންގާނެ ރިސޯޓުތަކާއި ރަށްރަށް އަދި ކަނޑައަޅާފައިނުވާ ނަމަވެސް، އަލަށް ހަދައި ރިސޯޓުތަކަށް އިސްކަން ދޭނެ ކަމަށެވެ. އަދި. ލ. ގަމަށް ހާއްސަ ކޮށްގެން މަސައްކަތްތަކެއް ހިންގޭނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.