28 Jan 2018, 14:14
ދިވެހިންނަކީ އަބަދުވެސް ބޮލީވުޑްގެ އުފެއްދުންތަކަށް ލޯބިކުރާ ބައެކެވެ. މީގެ ކުރިން ފިލްމު ބަލަނީ ސީޑީ ނޫނީ ވީޑިއޯ ރޯލުންނެވެ. ނޫނީ ފިލްމު ވިއްކާ ތަނަކަށް ގޮސްގެން ގަނެގެންނެވެ.
އިންޑިއާގައި ފިލްމު ރިލީޒްކުރާ ދުވަހު ދިވެހިންނަށްވެސް ރާއްޖޭގައި ތިބެގެން އެ ފިލްމުތައް ބަލައިލުމުގެ ފުރުސަތު ފަހުގެ ތާރީޚުގައި ލިބިގެންދިޔައީ ޝްވެކް ސިނަމާ ވުޖޫދަށް އައިފަހުންނެވެ.
ބޮލީވުޑް ބޮކްސް އޮފީހަށް ބަލާއިރު މިހާރު އެންމެ ބޮޑު ތަރުހީބެއް ލިބެމުން އަންނަނީ ޕަދްމާވަތު އަށެވެ. ބޮޑެތި ގޮންޖެހުންތަކަކާއެކު ރިލީޒްކުރި މި ފިލްމަށް އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުންވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
ރާއްޖޭގައި ޕަދްމާވަތު ދައްކާ ޝްވެކް ސިނަމާއިން ބުނީ ފިލްމަށް ރާއްޖެއިންވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. މިހާތަނަށް ޝެޑިއުލް ކޮށްފައިވާ ހުރިހާ ޝޯއެއް ގާތްގަނޑަކަށް ފުލްވެފައިވާ ކަމަށް ޝްވެކް އިން ބުނެއެވެ.

ޝްވެކްގެ މާލޭ ސިނަމާގެ ތާވަލް---
ޝްވެކްގެ މާލެ އަދި ހުޅުމާލެ ސިނަމާގައިވެސް ޕަދްމާވަތު އަޅުވާފައިވާއިރު މިމަހުގެ 25 އިން ފެށިގެން ރޭގެ ނިޔަލަށް މާލޭގައި ހުންނަ ސިނަމާގައި ޕަދްމާވަތުގެ ފަސް ޝޯ ދައްކާފައިވެއެވެ. ހުޅުމާލެ ސިނަމާގައިވެސް ހަމަ މި އަދަދަށް ޝޯތައް ދައްކާފައިވާއިރު މިހަފްތާގެ ބުދަ ދުވަހުގެ ނިޔަލަށް އަށް ޝޯ ތާވަލްކޮށްފައިވެއެވެ.

ޝްވެކްގެ ހުޅުމާލެ ސިނަމާގެ ޝެޑިއުލް---
ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ހަަފްތާގެ ނިޔަލަށް ޝޯތައް ދައްކާނެ ގޮތުގެ ތާވަލް ބުރާސްފަތީގެ ކުރިން އާންމު ކުރާނެއެވެ.
ޕަދްމާވަތު އަކީ އިންޑިއާގެ ތާރީޚީ ވާހަކައެއް އަސްލަކަށް ބަލައިގެން ތައްޔާރު ކޮށްފައިވާ ފިލްމެކެވެ. ސަންޖޭ ލީލާ ބަންސާލީގެ މި ފިލްމުން ފެނިގެންދާނީ ޝާހިދު ކަޕޫރު، ދީޕިކާ ޕަދްކޯން އަދި ރަންވީރު ސިންހް އެވެ.
އިންޑިއާގައި ޕަދްމާވަތުއާ ދެކޮޅަށް މުޒާހަރާކޮށް ހަޅުތާލު ކުރަމުންދާއިރުވެސް ޕަދްމާވަތަށް ލިބޭ ތަރުހީބު ކުޑަވެފައެއް ނުވެއެވެ. ފިލްމު ބެލި ކްރިޓީކުންވެސް ވަނީ ފިލްމަށް ތައުރީފު އޮއްސައިފައެވެ. މިހާތަނަށް އެ ފިލްމަށް 81 ކްރޯޑު ރުޕީސް ލިބިފައިވާކަމަށް އެންމެ ފަހުގެ ހަބަރުތައް ބުނެއެވެ.
އެއް ބިލިއަން ރުޕީސްގެ ބަޖެޓަކުން ހެދި މިފިލްމު އިންޑިއާގެ އިތުރުން ޔޫކޭ، އޮސްޓްރޭލިއާ އަދި އަޔަލެންޑް ފަދަ ގައުމުތަކުގައިވެސް އަންނަނީ ބޮޑު ކާމިޔާބީއެއް ހޯދަމުންނެވެ.