އަންނަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހަކީ ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާއަށް ވަރަށް ހާއްސަ ދުވަހެކެވެ. މަރީގެ ފުރަތަމަ ފީޗާ ފިލްމު ޑައިރެކްޝަން "ތިޔަ ލޯތްބާ ދުރަށް" ސްކްރީނަށް އަންނަ ދުވަހެވެ. މީގެ އިތުރުން މި ފިލްމުގެ ކާސްޓުންވެސް ތިބީ ފިލްމުގެ މަސައްކަތް ކުރިއަށްދިޔަ ގޮތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.

ފިލްމުގެ މުހިއްމު އެއް ތަރި ކަމަށްވާ އަހުމަދު އަމަން (ޓޮމް) ބުނީ މަރީއާއެކު މަސައްކަތް ކުރި އިރު ފިލްމަކީ މަރީގެ ފުރަތަމަ ޑައިރެކްޝަނޭ ބުނާވަރަށްވުރެ މަރީގެ މަސައްކަތް ޕްރޮފެޝަނަލް ކަމަށެވެ.

"ވަކިވުމުގެ ކުރިން"، "ޝަކުވާ އަކާ ނުލާ" އަދި "24 ގަޑިއިރު" ފަދަ ފިލްމު ތަކާއި ޑްރާމާ ތަކުން ފެނިގެން ގޮސްފައިވާ އަމަން ބުނީ "މަރީ ވަރަށް ކުރިއަށް ޖައްސާލައިފި" ކަމަށެވެ. ހާއްސަކޮށް ބޮޑު ކްރޫ އަކާއެކު ރާއްޖެއިން ބޭރުގައި، އަވައްޓެރި ސްރީލަންކާގައި ފިލްމުގެ މަސައްކަތް ކުރި އިރު މަސައްކަތް ދިޔައީ ވަރަށް ފުރިހަމައަށް، ގަޑިއަށް ބަހާލައިގެން ފަރުވާތެރިކަމާއެކު ކަމަށް އަމަން ބުންޏެވެ.

"މަރީ އަކީ ހަމަ ވަރަށް ބަރާބަރު ޑައިރެކްޓަރެއް. އަލަށް ފީޗާ ފިލްމެއް ޑައިރެކްޓު ކުރާ މީހެކޭވެސް ނުބުނެވޭނެ. ވަރަށް ފުރިހަމަކޮށް މަސައްކަތް ބަހާލާފަ އޮތީ. ގަޑިއަށް ފަށާ، ހުރިހާ ޝޮޓެއްވެސް ކަނޑައެޅިފައިވާ ގަޑިއަށް ނިންމާ. ބުުނެވޭނީ މަރީއަކީ ދާއިރާގައި ކުރިއަށް ހިނގައިދާނެ ޑައިރެކްޓަރެކޭ،" އަމަން ބުނީ މަރީ އަކީ ވަރަށް ފާޑުވެރިކަމާއެކު ކަމާވެގެން މަސައްކަތް ކުރާ ޑައިރެކްޓަރެއް ކަމަށެވެ.

"ތިޔަ ލޯތްބާ ދުރަށް" ފިލްމުގައި އަމަން ފެންނާނީ ސަޕޯޓިން ރޯލަކުންނެވެ. ފިލްމުގެ ލީޑްތަރިންނަކީ އަހުމަދު އަޒްމީލް (އަޒޭ) އާއި މަލީހާ ވަހީދު (މަލް) އެވެ. އަމަންގެ އަންހެނުން ޝަހުޒާ (ޝަހޫ) ވެސް ފިލްމުން ފެންނާނެއެވެ. މީގެ އިތުރުން ސްރީލަންކާގެ ތަރިއެއް ކަމަށްވާ އުދޭނީގެ ރޯލެއްވެސް ފިލްމުގައި ހިމެނެއެވެ.

ފިލްމުގެ ކެމެރާމަން އަލީ ރަޝީދު (ގޮޅާ އައްޔަ)ގެ މަސައްކަތަށްވެސް އަމަން ތައުރީފު ކުރިއެވެ. އަމަންް ފިލްމީ ދާއިރާއަށް ނިކުތް ލަވަ އަކީވެސް ގޮޅާ އައްޔަ ކެމެރާ ކުރި ލަވައެކެވެ. އަމަން ބުނީ އައްޔަ އަކީވެސް ތަޖުރިބާހުރި ކެމެރާމަނެއް ކަމަށެވެ. "އައްޔަ ވަރަށް ޑައިރެކްޓްކޮށްދޭ، ވަރަށް ކިޔާދޭ،" އަމަން ބުންޏެވެ.

"ތިޔަލޯތްބާ ދުރަށް" ފިލްމަކީ ދިވެހިންނަށް ކަމުދާ ރަހައެއް އެކުލެވޭ ފިލްމަކަށް ވާނެ ކަމަށް ވެސް އަމަން ބުންޏެވެ.