މަރާލުމަށް ފަހު ކޯސްޓް ދަޅަކަށް ލައި ވިލިމާލެ ވަލުތެރެ އަށް އެއްލާލާފައި އޮއްވައި ފެނުނު ތުއްތު ކުއްޖާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މި މަހުގެ ހަތް ވަނަ ދުވަހު ކަމަށެވެ.

ބަނޑަށް ހަ މަހުގައި ވިހާފައި މަރާލި ތުއްތު ފިރިހެން ކުއްޖާގެ މަރުގެ ތުހުމަތުގައި ތިން އަންހެނަކު ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ.

އެއީ ކުއްޖާގެ މަންމަ ކަމަށް ތުހުމަތު ކުރާ ނ. މަނަދޫ ފިނޮޅު އައިމިނަތު ޝާޢިރާ 30، އާއި އަދި ކުއްޖާ ވިއްސި ކަމަށް ތުހުމަތު ކުރާ ކ. ހުރާ ސަކީނާ މަންޒިލް ފާތުމަތު އާނިޔާ 24، ގެ އިތުރުން 18 އަހަރުގެ ބަނޑު ބޮޑު އަންހެނެކެވެ.

ޝާއިރާ ވަނީ ކުއްޖާ ވިހެއި ކަމަށް އެއްބަސްވެފަ އެވެ.

ފުލުހުން ބުނެފައި ވަނީ ކުއްޖާގެ މަންމަ ކަމަށް ތުހުމަތު ކުރާ، ޝާއިރާ އާއި ކުއްޖާ ވިއްސި ކަމަށް ތުހުމަތު ކުރާ އާނިޔާ ދިރިއުޅެފައި ވަނީ މ. ގޮލްޑަންލީފް ކިޔާ ގެއެއްގައި ކަމަށެވެ.

ނަމަވެސް ތުއްތު ކުއްޖާގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ކުއްޖާގެ މަންމަ ކަމަށް ތުހުމަތު ކުރާ އަންހެން މީހާ ފިޔަވައި ދެން ތިބި ދެ މީހުން ގޭ ބަންދަށް ވަނީ ބަދަލު ކޮށްފަ އެވެ. ނަމަވެސް މަންމަ ކަމަށް ތުހުމަތު ކުރާ ޝާއިރާ ހުރީ ފުލުހުންގެ ހައްޔަރުކޮށްފަ އެވެ.

ވިހާފައި އެއްލާލާފައި އޮއްވައި ފެނުނު ހަތަރު ކުއްޖެއްގެ މައްސަލަ ފުލުހުން އަންނަނީ ވަރަށް ސީރިއަސްކޮށް ބަލަމުންނެވެ.