ކާބުލް(ޖެނުއަރީ 28): އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް ތާލިބާނުން އިއްޔެ ދިން ހަމަލާއެއްގައި މަރުވި މީހުންގެ އަދަދު 95އަށް އަރައިފި އެވެ.

އެހަމަލާ ދީފައި ވަނީ ބޮން ހަރުކޮށްފައިވާ އެމްބިއުލާންސެއް ޕޮލިސް ޗެކްޕޮއިންޓުތަކާއި ސަރުކާރު އޮފީސްތަކާއި އެމްބަސީތައް ހުރި ސަރަހައްދަކަށް ވައްދައިގެންނެވެ.

އަފްޣާން އިންޓީރިއާ މިނިސްޓްރީގެ ޑެޕިއުޓީ ތަރުޖަމާނު ނަސްރަތު ރަހީމީ ވިދާޅުވި ގޮތުގައި ހަމަލާ ދިން މީހާ އެސަރަހައްދަށް އެމްބިއުލާންސް ވައްދާފައި ވަނީ އެތާ ހުންނަ ހޮސްޕިޓަލަށް ބަލި މީހަކު ގެންދަނީ ކަމަށް ބުނެ އެވެ. އަދި އެމްބިއުލާންސް ގޮއްވާލީ ދެވަނަ ޗެކްޕޮއިންޓަކާ އަރާ ހަމަވުމުންނެވެ.

ސަތޭކަ ފަންސާހަށް ވުރެ ގިނަ މީހަކު ޒަހަމްވި އެހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގި ޖަރީމާއެއް ކަމަށް އަފްޣާން ސަރުކާރުން ވަނީ ބުނެފައެވެ. އަދި އެހަމަލާގެ ޒިންމާ ނަގާފައިވާ ތާލިބާން ޖަމާއަތަށް އަވަށްޓެރި ޕާކިސްތާނުން އެހީވާ ކަމަށް ތުހުމަތުކޮށްފައެވެ.

މީގެ ކުރިން އެމެރިކާއިން ވަނީ ޕާކިސްތާނުން ތާލިބާނާ ދެކޮޅަށް އެކަށީގެންވާ ވަރަށް ފިޔަވަޅު ނާޅާ ކަމަށް ބުނެ އެގައުމަށް ދޭ އެހީ ކުޑަކޮށްފައެވެ. ނަމަވެސް ޕާކިސްތާނުން ވަނީ އެތުހުމަތުތައް ދޮގުކޮށްފައެވެ.

ކާބުލްއަށް އިއްޔެ އެ ހަމަލާ ދިނީ އެސިޓީގެ ލަގްޒަރީ ހޮޓަލަކަށް ތާލިބާނުން ހަމަލާދީ، 18 މީހަކު މަރާލިތާ ހަފްތާއެއް ފަހުންނެވެ. އަދި އިސްލާމިކް ސްޓޭޓް (އައިއެސް)އިން އެގައުމުގައި ހުންނަ ސޭވް ދަ ޗިލްޑްރެންގެ އޮފީހަކަށް ހަމަލާދީ ތިން މީހަކު މަރާލިތާ ދުވަސްކޮޅެއް ފަހުންނެވެ. (ބީބީސީ)