ގިނަ ހުރަސްތަކެއް ގިރާކުރުމަށްފަހު 'ޕަދްމާވަތު" މިދިޔަ ބުރާސްފަތި ދުވަހު ރިލީޒްކޮށްފައިވާއިރު އެ ފިލްމަށް މިހާތަނަށް 56 ކުރޯޑް ރުޕީސް ލިބިއްޖެއެވެ.

ބޮޑެތި ގޮންޖެހުންތަކާއެކު އެޅުވި، ސަންޖޭ ލީލާ ބަންސާލީގެ 'ޕަދްމާވަތު'އަށް ބުދަ އަދި ބުރާސްފަތި ދުވަހު ލިބުނު އާމްދަނީ 24 ކްރޯޑު ރުޕީސްއަށް އަރައެވެ. އެގޮތުން ލިމިޓެޑް ސްކްރީން އެއްކޮށް ބުދަ ދުވަހު ވަނީ ފަސް ކްރޯޑު ރުޕީސް ލިބިފައެވެ. ބުރާސްފަތި ދުވަހު ފިލްމަށް ލިބުނު އާމްދަނީ އަކީ 19 ކްރޯޑު ރުޕީސް އެވެ.

ހުކުރު ދުވަހަށް އެ ފިލްމަށް ޖުމްލަ 32 ކުރޯޑު ލިބިފައިވާއިރު އެ ފިލްމު ވެގެންދާނީ ޝާހިދު ކަޕޫރު އަދި ރަންވީރު ސިންހްގެ އެންމެ ކާމިޔާބު ފިލްމަށެވެ. ދެ ތަރިންގެ ފިލްމަކަށް 100 ކުރޯޑު ޖެހިފައި ނުވާއިރު 'ޕަދްމާވަތު' އިން އެކަން ބަދަލު ކޮށްލާނެ ކަމުގެ ޔަގީންކަން ޓްރޭޑް އެނަލިސްޓުން ދެއެވެ.

ބޮލީވުޑްގެ ކްރިޓިކް ތަރަން އާދާޝް ބުނީ ޕަދްމާވަތުއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުރިމަތި ނުވި ނަމަ މިއަށްވުރެ ބޮޑު ތަރުހީބެއް ފިލްމަށް ލިބޭނެ ކަމަށެވެ.

އިންޑިއާގެ އިތުރުން 'ޕަދްމާވަތު' އެޅުވި އެހެން ގައުމުތަކުގައިވެސް އެ ފިލްމަށް އަންނަނީ ބޮޑުު ތަރުހީބެއް ލިބެމުންނެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތާއި އޮސްޓްރޭލިއާ ހިމެނެއެވެ.

ފިލްމު ބެލި ގިނަ ބަޔަކު ވަނީ ފިލްމަށް ތައުރީފުކޮށްފައެވެ. ފިލްމު ބެލި ގިނަ ބަޔަކު ބުނަމުންދަނީ ފިލްމަކީ "މާސްޓާޕީސް" އެއް ކަމަށެވެ.

ފިލްމުގެ ލީޑުން ދީޕިކާ ޕަދުކޯން، ޝާހިދު ކަޕޫރު އަދި ރަންވީރު ސިންހް ފެނިގެންދާއިރު ފިލްމު އުފައްދާފައިވަނީ އެއް ބިލިއަން ރުޕީސްގެ ބަޖެޓަކުންނެވެ.