އިނގިރޭސި އެފްއޭ ކަޕުގެ ހަތަރުވަނަ ބުރުގައި އިނގިރޭސި ތިންވަނަ ޑިވިޝަންގެ ނިއުޕޯޓް ކައުންޓީއާ ދެކޮޅަށް ޓޮޓެންހަމް ކުޅުނު މެޗުން އެއްވަރުވެ އިތުރު މެޗެއް ކުޅެން ޖެހިއްޖެއެވެ.

ނިއުޕޯޓްގެ ދަނޑުގައި ރޭ ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު މި ދެޓީމުގެ ތެރެއިން އަނެއް ބުރަށްދާ ޓީމު ކަނޑައެޅުމަށް ޓޮޓެންހަމްގެ ހޯމް ކަމަށްވާ ވެމްބްލީގައި އިތުރު މެޗެއް ކުޅެން ޖެހޭނެއެވެ.

މެޗުގައި ޓޮޓެންހަމްއިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެޓީމަށްވަނީ ނިއުޕޯޓްގެ ގޯލް ފޫއަޅުވާ ނުލެވިފައެވެ. ޓޮޓެންހަމްއިން މެޗަށް ނުކުތީ މެދުތެރެއަށް ކުޅޭ މުހިއްމު ބައެއް ކުޅުންތެރިން ކަމަށްވާ އެރިކްސަން، އަދި ޑެލީ އަލީވެސް ނުލައެވެ.

ނިއުޕޯޓްގެ ފޯވާޑް އަމޮންޑް ބޮލުން ގޯލަށް ބޯޅަ ފޮނުވާލަނީ --- ފޮޓޯ/އޭޕީ

މެޗުގެ 38 ވަނަ މިނެޓުގައި ނިއުޕޯޓްގެ ފޯވާޑް އަމޮންޑުގެ ގޯލުން އެޓީމުވަނީ ލީޑު ނަގާފައެވެ. ލީޑަށްފަހު ނިއުޕޯޓް ފެނިގެންދިޔައީ ވަރަށް ބޮޑަށް ޑިފެންސިވް ކުޅުމެއްގައި ކުޅެމުން ދިޔަތަނެވެ. ޓޮޓެންހަމްއިން ޑޮމިނޭޓްކޮށް ކުޅުނު ނަމަވެސް ހާފް ނިންމާލަން ޖެހުނީ ގޯލެއް ނުޖެހިއެވެ.

މެޗުގެ ދެވަނަ ހާފްގައިވެސް ޑޮމިނޭޓްކޮށް ގިނަ ހަމަލާތައް އުފެއްދީ ޓޮޓެންހަމްއިންނެވެ. އެޓީމަށް މެޗުގެ 82 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްދިނީ ހެރީ ކޭންއެވެ.

ޓޮޓެންހަމްގެ ގޯލަށްފަހު ކޭން އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

އެފްއޭ ކަޕުގައި އިއްޔެ ލެސްޓާ ސިޓީ އަދި ޕީޓާބަރާ ބައްދަލުކުރި މެޗު ލެސްޓާއިން ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ލެސްޓާގެ އިލަނާޗޯ އަދި ޑިއަބާޓޭވެސްވަނީ ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ޖަހާފައެވެ. އެޓީމުގެ ފަހު ގޯލް ކާމިޔާބުކޮށްދިނީ އެންޑީޑީއެވެ.