28 Jan 2018, 09:15
ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވަޑައިގަތުމަށް އެެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕު ބޭނުން ކުރައްވާ މިލިޓަރީ ސްޓޭންޑަޑް ޖެޓް އެއާލައިން، އެއާ ފޯސް ވަންގެ ފުރިޖު އާ ކުރުމަށް 24 މިލިއަން އެމެރިކާ ޑޮލަރު ހަރަދު ކުރައްވައިފި އެވެ.
ހަފްތާ ތަކަކަށް ދެމިގެންދާ ރަސްމީ ދަތުރުފުޅުތަކުގައި އެމެރިކާގެ ރައީސް ޓުރަމްޕާއެކު ދަތުރުފުޅު ކުރައްވާ އެމަނިކުފާނުގެ އެޑްވައިޒަރުންނާއި ނޫސްވެރިން އަދި ކުރޫ މެމްބަރުންނަށް ފުދޭނެ މިންވަރަށް ކާތަކެތި ރައްކާތެރި ކުރުމަށް އެއާފޯސްގައި ހަރު ކުރާނީ ބޮޑު ދެ ފުރިޖެވެ.
ފުރިޖުތައް ޑިޒައިންކޮށް ހަރުކުރުމަށް ހަވާލު ކޮށްފައިވަނީ އެމެރިކާގެ މަތިންދާބޯޓު އުފައްދާ މަޝްހޫރު ކުންފުނި، ބޮއިންގް އަށެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސް އިން ބުނި ގޮތުގައި، އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރިން މަތިންދާބޯޓުގައި ފުރިޖުތައް ހަރުކޮށް ނިމޭނެ ކަމަށް ބެލެވެއެވެ.
އެމެރިކާގެ އެއާފޯސް (ޔޫއެސްއޭއެފް) އިން ބުނީ، އެއާފޯސްގައި މިހާރު ބޭނުންކުރަމުންދާ ފުރިޖަކީ 25 އަހަރަށްވުރެ ގިނަ އަހަރު ވެފައިވާ ފުރިޖެއް ކަމުން އެއަށް ބަރޯސާވުން ރަނގަޅު ނޫން ކަމަށެވެ.
"މިހާރު ހުރި ފުރިޖަކީ 1990 ވަނަ އަހަރު އެއާކުރާފްޓު ޑެލިވާ ކުރިއިރު ހުރި ފުރިޖު. އެއީ އޭރުގެ ޓެކްނޮލޮޖީއަށް ބޭނުން ކޮށްގެން ހަދާފައި ހުރި ކުރު މުއްދަތަކަށް ކާތަކެތި ރައްކާ ކުރެވޭނެ ވަރުގެ ފުރިޖެއް،" ޔޫއެސްއެއޭފްގެ ތަރުޖަމާން ސީއެންއެންއަށް ވިދާޅުވި އެވެ.
ޓުރަމްޕުގެ އެ ނިންމެވުމަށް ހަޖޫ ޖައްސަވައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ކުރީގެ ސީނިއާ އެޑްވައިޒަރު އެރިކް ވިދާޅުވީ، ރައްޔިތުންގެ ފައިސާއިން އޮބާމާގެ ސަރުކާރުން އެފަދަ ހަރަދެއް ކުރަން ނިންމެވި ނަމަ ރައްޔިތުންނަށް ޖަވާބު ދާރީ ވާންޖެހޭނެ ކަމަށެވެ.