27 Jan 2018, 23:50
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނުގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
ފާރިސް މިއަދު މެންދުރުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ފާރިސް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމަށް ތުހުމަތުކޮށެވެ.
ފާރިސްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރީ މިރޭ 7:45 ހާއިރުއެވެ. ތިން ގަޑިއިރެއްހާއިރަށް ފަހު ކޯޓުން ނިކުމެވަޑައިގެން ފާރިސްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނަވާ މައުމޫން ހަމީދު ވިދާޅުވީ ފާރިސްގެ މައްޗަށް ކުރާ ތުހުމަތަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ދައުލަތުން ފާހަގަކޮށްފައިވާ ކަމަށާއި ނަމަވެސް މިހާރު އަމަލުކުރަމުންދާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ރިޝްވަތުގެ ކުށަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ހިމަނާފައި ނުވާ ކަމަށެވެ.
"ޕްރޮސިކިއުޓާ ޖެނަރަލް މީގަ މި ބޭނުންވަނީ ކޮންމެ އެއްޗެއް ކިޔައިގެން ނަމަވެސް ފާރިސް ބަންދުގައި މުއްދަތު އިތުރުކުރަން ކަމުގައި މި ބެލެވެނީ،" މައުމޫން ހަމީދު ވިދާޅުވިއެވެ.
މިފަހަރު ވެސް ފާރިސްއަށް ރިޝްވަތު ދިން ކަމުގެ ތުހުމަތު ކުރާއިރު، މަޖިލިސް މެމްބަރަކަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ވަނީ ކުރިން ދައުވާ އުފުލާފައެވެ. އެ ދައުވާގެ އަޑުއެހުންތައް ވެސް ވަނީ ފަށައިފައެވެ.
އެންމެ ފުރަތަމަ ފާރިސް ހައްޔަރުކުރީ މިދިޔަ އަހަރުގެ ޖުލައި 18 ވަނަ ދުވަހުއެވެ. އޭރު ހައްޔަރުކުރިފަހުން ބަންދުން ދޫކޮށްލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ބުރާސްފަތި ދުވަހު ފާރިސް ދޫކޮށްލުމުގެ ކުރިން އޭނާ ހުންނެވީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ. އަދި މިރޭގެ މުއްދަތު މަޖިލީހުގައި ވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އެދިވަޑައިގަތީ ޝަރީއަތް ނިމެންދެން ފާރިސް ބަންދުގައި ބަހައްޓައި ދިނުމަށް ކަމަށް މައުމޫން ވިދާޅުވިއެވެ. ނަމަވެސް ގާޒީ ނިންމެވީ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.
މައުމޫން ހަމީދު ވިދާޅުވީ ފާރިސް ބަންދުގައި ބެހެއްޓުމަށް ކޮށްފައިވާ އަމުރު އިސްތިއުނާފަށް ހުށެހެޅުމަށް ގާނޫނީ ވަކީލުންގެ ޓީމުން ނިންމާފައިވާ ކަމަށެވެ.