28 Jan 2018, 08:47
ޔޫކްރޭނުގެ ޒުވާން ޑިފެންޑަރެއް ކްލަބު ގްރީން ސްޓްރީޓްސްއަށް ގެންނަން ހުރިހާ ކަމެއް ނިމިފައިވާ ކަމަށް އެ ކްލަބުން ބުނެފިއެވެ.
ކްލަބުގެ ފަރާތުން 'ސަން ސްޕޯޓްސް'އަށް މައުލޫމާތުދީފައިވާ ގޮތުގައި އެ ކްލަބަށް ގެންނާނީ އުމުރުން 23 އަހަރުގެ ޔޫކްރޭން ޑިފެންޑަރު އޯލިގް އެފިމްޗަކްއެވެ.
އެފިމްޗަކް ކެރިއަރު ފެށީ ޔޫކްރޭނުގެ ދެވަނަ ޑިވިޝަނުންނެވެ. އެގޮތުން އޭނާ ވަނީ 16-2015 ސީޒަނުގައި ޔޫކްރޭން ދެވަނަ ޑިވިޝަންގެ ސެޓެލް ޑިނިޕްރޯއަށް ކުޅެފައެވެ. އަދި 17-2016 ސީޒަންގައި ވެސް އޭނާ ކުޅެފައިވަނީ ދެވަނަ ޑިވިޝަންގެ ޓީމެއް ކަމަށްވާ ސްޓެލް ކަމިއާންސްކޭއަށެވެ.
މިދިޔަ ސީޒަނުގައި ޔޫކްރޭން ފުރަތަމަ ޑިވިޝަންގެ މެޓުލަ ޒަޕޯރިއާއަށް ކުޅުނު އެފިމްޗަކް ވަނީ 12 މެޗު ކުޅެފައެވެ.
އެފިމްޗަކް ކުޅެމުންދިޔަ މެޓުލަ ޒަޕޯރިއާއިން ވަނީ އޭނާ ކްލަބު ދޫކޮށްލިކަން ޔަގީންކޮށްދީފައެވެ. އެގޮތުން އެގައުމުގެ ނޫހެއް ކަމަށްވާ ސްޕޯޓްސް އެރީނާގައި ބުނެފައިވަނީ އެފިމްޗަކް ކުޅެމުންދިޔަ ކްލަބާއެކު ކޮންޓްރެކްޓް ނިމުމަކަށް ގެނުވާފައިވާ ކަމަށާއި، ދެން ފެންނާނީ ރާއްޖޭގެ ލީގުން ކަމަށެވެ.
މިއަހަރުގެ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގްރީނުން ވަނީ ތަޖުރިބާކާރު މިޑްފީލްޑަރު އަހުމަދު ނިޔާޒް (ނިޔާ)އާއި، އަސްހަދު އަލީ (އަޑުބަރޭ)އާއި، ކުރިން އީގަލްސްއަށް ކުޅުނު ހަސަން އަބްދުﷲ (އުޗީ)އާއި، މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ގދ. ތިނަދޫ ޓީމަށް ކުޅުނު މުހައްމަދު ރިސްވާން (ފުކޭ) ވެސް އެޓީމަށް ގެނެސްފައެވެ.
ގްރީނުން ބުނެފައިވަނީ މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބިދޭސީ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ސޮބުލް އިލިއާ އަދި ކީޕަރު ޖުން ކޮޗީ، މިސީޒަންގައި ވެސް އެޓީމުން ފެންނާނެ ކަމަށެވެ. އަދި އެފިމްޗަކްގެ އިތުރުން ބިދޭސީ މިޑްފީލްޑަރެއް ވެސް ގެންނާނެ ކަމަށް ގްރީނުން ވަނީ ބުނެފައެވެ.