27 Jan 2018, 23:00
ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑުން ކުޅުނު މެޗުން މޮޅުވިއިރު، ރޮނާލްޑޯ އޭނާގެ ޕެނެލްޓީ ރެކޯޑަށް އަނެއްކާވެސް ބޮޅެއް އިތުރުކޮށްފިއެވެ.
ރެއާލް މެޑްރިޑުން މިރޭ ރަށުން ބޭރުގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗުގެ ފުރަތަމަ ހާފްގައި ރޮނާލްޑްވަނީ ދެ ޕެނެލްޓީ ކާމިޔާބުކޮށްފައެވެ. މިއީ އޭނާގެ ކެރިއަރުގައި ޖެހި 100 އަދި 101 ވަނަ ޕެނެލްޓީ ގޯލައެވެ. ރޮނާލްޑޯއަކީ ލަލީގާގައި ތާރީހުގައިވެސް އެންމެ ގިނައިން ޕެނެލްޓީން ގޯލް ޖަހާފައިވާ ކުޅުންތެރިޔާއެވެ.

މިރޭގެ މެޗުގައި ރޮނާލްޑޯ --- ފޮޓޯ/ އޭޕީ
މެޗުގެ ފުރަތަމަ ހާފްގައި ރޮނާލްޑޯ ކާމިޔާބުކޮށްދިން ދެ ގޯލާއެކު ރެއާލްއިން ކުރީގައި އޮވެ ހާފް ނިންމާލި ނަމަވެސް ދެވަނަ ހާފް ފެށިގެން މެޗުގެ 59 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އެޓީމަށް ގޯލު ޖަހައިދިނީ ސަންތީ މިނާއެވެ.
މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދަމުން ދިޔަ ރެއާލްއަށް ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ 84 ވަނަ މިނެޓުގައި މާސެލޯއެވެ. އަދި 89 ވަނަ މިނެޓުގައި ޓޯނީ ކުރޫސްވަނީ ލީޑު އިތުރަށް ފުޅާކޮށްފައެވެ.

ރެއާލް މެޑްރިޑް މިރޭގެ މެޗުން މޮޅުވުމާއެކު ކޯޗު ޒިދާނަށްވަނީ ހަމަޖެހިލާނެ ފުރުސަތެއް ލިބިފައި: މި ސީޒަންގައި ރެއާލް ފެންނަނީ ވަރަށް ބޮޑަށް ފޯމު ކަޓައިފައިވާ ޓީމެއްގެ ގޮތުގައި --- ފޮޓޯ/ އޭޕީ
މި މެޗަށް ނުކުތްއިރު ރެއާލް އޮތީ ވަރަށް ބޮޑަށް ޕްރެޝަރުގައެވެ. އެޓީމު އޮތީ ލަލީގާ ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާއި 19 ޕޮއިންޓްގެ ފަރަގެއްގައި ތާވަލުގެ ހަތަރު ވަނައިގައެވެ. އަދި މިދިޔަ ހަފްތާ ތެރޭގައި ރެއާލްވަނީ ކޮޕާ ޑެލްރޭއިންވެސް ކަޓައިފައެވެ.
މިމެޗުން މޮޅުވެ ތިންވަނައިގައި އޮތް ވެލެންސިއާއާ ރެއާލްވަނީ ދެ ޕޮއިންޓަށް ގާތް ކޮށްފައެވެ. ވެލެންސިއާ ތިންވަނައިގައި އޮތީ ކުޅުނު 21 މެޗުން 40 ޕޮއިންޓާއެކުގައެވެ. އެއް މެޗު މަދުން ކުޅެ ރެއާލްއަށް ލިބެނީ 38 ޕޮއިންޓެވެ.