17 Aug 2011, 14:00
މަގުބޫލު އުޒުރެއް ނެތި ޖެހިޖެހިގެން 10 ޖަލްސާ އަކަށް ހާޒިރުވެފައި ނުވާ ކަމަށް ބުނެ ބ. ތުޅާދޫ ކައުންސިލުން ވަކިކުރި އުމައިރާ އަބޫބަކުރު ކައުންސިލްގެ ޖަލްސާތައް ހުއްޓުވަން ފައްޓަވައިފި އެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު މިއަދު ވިދާޅުވީ ކައުންސިލްގެ ޖަލްސާއެއް މިއަދު ހެނދުނު ކުރިއަށް ދަނިކޮށް ޖަލްސާ ކުރާ މާލަމުގެ ތެރެއަށް އުމައިރާ ވަދެވަޑައިގެން ވަނީ އޭނާ ބައިވެރިނުކޮށް ކައުންސިލްގެ އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ އަޑު ގަދަ ކުރައްވާފައި ކަމަށެވެ.
"ކައުންސިލްގެ ޖަލްސާ ހިނގަމުން ދަނިކޮށް މިތަނަށް އުމައިރާ ވަޑައިގެން އުމައިރާ ނުލައި އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވީ. އެހިސާބުން އެހެން މެންބަރަކު އެކަމާ މަޝްވަރާ ކުރަން ބޭނުން ނުވާ ކަމަށް ވިދާޅުވެ ޖަލްސާ އިން ނިކުމެވަޑައިގަތީ. އެހިސާބުން ޖަލްސާ މެދުކަނޑާލީ،" ރަޝީދު ވިދާޅުވި އެވެ.
އުމައިރާ ވެސް މިއަދު ވިދާޅުވީ މިއަދު އޮތް ކައުންސިލްގެ ޖަލްސާއަށް ހުރަސް އެޅުއްވީ ސިވިލް ކޯޓުން ހުކުމްކޮށްފައި އޮންނަ ހުކުމަށް ވެސް ބޯލެބުމެއް ނެތި ކައުންސިލްގެ ޖަލްސާތައް ކުރިއަށް ގެންދަވާތީ ކަމަށެވެ. އަދި ވިދާޅުވީ ކައުންސިލުން ކަނޑާލިކަން އޭނާ އަށް އެންގި ފަހުން ވެސް ބަރާބަރަށް ހާޒިރީގައި ސޮއި ކުރަމުން އަންނަނިކޮށް އެކަމަށް ވެސް ހުރަސްއަޅައި ހާޒިރީ ވެސް ފޮރުވާފައިވާ ކަމަށެވެ.
"އަޅުގަނޑު މިއަދު ހެނދުނު ސޮއި ކުރަން ދިޔައިރު ހާޒިރީއެއް ނެތް. މުވައްޒިފުންނަކަށް ވެސް ވީތަނެއް ނޭނގޭ. ދެން އަޅުގަނޑު ގޮސް ބެލި އިރު ކަބަޑަކަށް ލާފޮރުވާފައި އޮތީ. އެހިސާބުން އޭރު ހިނގަމުން ދިޔަ ކައުންސިލްގެ ޖަލްސާ އަށް ވަދެ ކައުންސިލްގެ ޖަލްސާ ހުއްޓުވީ. އެބޭފުޅުންނަށް އެގޮތަކަށް އަޅުގަނޑާ ނުލައި ޖަލްސާ ކުރިއަކަށް ނުގެންދެވޭނެ،" އުމައިރާ ވިދާޅުވި އެވެ.
ހައިކޯޓުން ހުކުމްކޮށްފައި ވަނީ، ތުޅާދޫ ކައުންސިލްގެ ބައި- އިލެކްޝަން ނުބޭއްވޭނެ ކަމަށެވެ.
ރަޝީދު އިތުރަށް ވިދާޅުވީ ހައިކޯޓުގެ ހުކުމަށް ރިއާޔަތްކޮށް އުމައިރާއަކީ ކައުންސިލްގެ މެންބަރެއް ކަމަށް ބުނެ ކައުންސިލްގެ ޖަލްސާތަކަށް ހުރަސް އަޅަމުން ގެންދާތީ އެކަމުގައި ލޯކަލް ގަވާމެންޓް އޮތޯރިޓީގެ ލަފަޔަކަށް އެދޭނެ ކަމަށެވެ.
"އަޅުގަނޑުމެން އެބަ ޖެހޭ އެބޭފުޅާ ދައްކާ ވާހަކައެއް ވެސް ބަލަން،" ރަޝީދު ވިދާޅުވި އެވެ.