ޗާއިނާގައި ކުރިއަށްދާ 23 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ޗެމްޕިއަންކަން އުޒްބަކިސްތާނުން ހޯދައިފިއެވެ.

ބޯކޮށް ސުނޯ ފައިބަނިކޮށް އިއްޔެ ކުޅުނު ފައިނަލް މެޗުގައި ވިއެޓްނާމްގެ މައްޗަށް އުޒުބަކިސްތާން ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. މިމުބާރާތުގެ ފައިނަލަށް ވިއެޓްނާމް ދަތުރުކުރުން ވެގެންދިޔައީ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ކަމަކަށެވެ.

އިއްޔެ ކުޅުނު ފައިނަލް މެޗުގެ އަށްވަނަ މިނެޓުގައި އުޒްބަކިސްތާނުން ވަނީ ލީޑު ނަގައިފައެވެ. އެޓީމަށް ލިބުނު ކޯނަރު ބޮލުން ގޯލަށް ފޮނުވާލައި ލީޑު ނަގައިދިނީ އަޝުރްމަޓޯވްއެވެ. މެޗުގައި ވިއެޓްނާމްއަށް ވުރެ ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން އުޒުބަކިސްތާނުން ކުޅުނު ނަމަވެސް ވިއެޓްނާމް ވަނީ ހާފް ނިމުމުގެ ކުރިން އެއްވަރުކޮށްފައެވެ.

މެޗުގެ 41 ވަނަ މިނެޓުގައި އުޒްބަކިސްތާންގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން ވިއެޓްނާމަށް ކާމިޔާބުކޮށްދިނީ ގުއެން އުޔާންގް ހައިއެވެ. މިއީ އޭނާ މުބާރާތުގައި ކާމިޔާބުކުރި ފަސްވަނަ ގޯލްއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ. މެޗުގެ އިތުރު ވަގުތުގެ ކުޅުން ނިމެން މިނެޓަކަށް ވެފައިވަނިކޮށް އުޒުބަކިސްތާނަށް މޮޅުވި ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ސިދަރޯވްއެވެ.

އޭޝިއާގެ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އުޒްބަކިސްތާނުގެ މިޑްފީލްޑަރު އޮޑިއޯން ޒަމްބަރަބެކޯވްއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ ގަތަރަށް ހަ ގޯލު ޖަހައިދިން އަލްމޮއިޒް އަލީއެވެ.