28 Jan 2018, 09:03
ޗެލްސީއަށް ކުރިން ކުޅުނު ފްރާންސްގެ ފްލޮރެންޓް މަލޫޑާ ލަކްސަންބާގް ލީގުގެ ޓީމެއް ކަމަށްވާ ޑިފަޑޭންގަށް ސޮއިކޮށްފިއެވެ.
އުމުރުން 37 އަހަރުގެ މަލޫޑާ ވަނީ ފްރާންސްގެ ޗަޓަރޯޒް އަދި ގުއިމްގޭމްޕުގެ އިތުރުން ލިއޯންއަށްވެސް ކުޅެފައެވެ. ފްރާންސްގެ ގައުމީ ޓީމަށް 80 މެޗު ކުޅެދީފައިވާ މަލޫޑާ ޗެލްސީއަށް ބަދަލުވީ 2007 ވަނަ އަހަރުއެވެ. އޭނާ ވަނީ ޗެލްސީއަށް 228 މެޗު ކުޅެދީ އެޓީމާއެކު ޗެމްޕިއަންސް ލީގުގެ އިތުރުން އިނގިރޭސި އެފްއޭ ކަޕާއި އިނގިރޭސި ޕްރިމިއާ ލީގު ވެސް އުފުލާލައިފައެވެ.
ދެހާސް ތޭރަވަނަ އަހަރު ޗެލްސީ ދޫކޮށްލި މަލޫޑާ ވަނީ ތުރުކީގެ ޓަރަބްޒޮންސްޕޯ އަދި ފްރާންސް ލީގުގެ މެޓްސް އެފްސީއަށް ވެސް ކުޅެފައެވެ. މަލޫޑާ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ އިންޑިއާގެ ޑެލީ ޑައިނަމޯސްއިންނެވެ.
މިދިޔަ އަހަރުތެރޭގައި ފީފާ ގަވާއިދާ ހިލާފަށް މަލޫޑާ ވަނީ ފްރެންޗް ގިއާނާގެ ގައުމީ ޓީމަށް ވެސް ކުޅެފައެވެ.
ލަކްސަންބާގުގެ ޑިފަޑޭންގަކީ ގާތްގަނޑަކަށް 26،000 މީހުންގެ އާބާދީއެއް އޮންނަ ސިޓީއެކެވެ. އެ ސިޓީއަށް ނިސްބަތްވާ ޑިފަގޭންގް ކްލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި މަލޫޑާ ދައްކާލުމުގެ ރަސްމިއްޔާތަށް އެ ކްލަބުން ވަނީ ސިޓީގެ ހުރިހާ ރައްޔިތުންނަށް ދައުވަތުދީފައެވެ.
ޑިފަޑޭންގުގެ ސްޕޯކްސްޕާސަން ބުނެފައިވަނީ މަލޫޑާއަކީ އިނގިރޭސި ލީގުގެ އިތުރުން ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެއް ކަމަށާއި، މަލޫޑާ ވެގެންދާނީ ކްލަބު ތާރީހުގައި ލިޔެވިގެންދާނެ ކުޅުންތެރިއަކަށް ކަމަށެވެ. އަދި މަލޫޑާ ފަދަ ކާމިޔާބު ކުޅުންތެރިއެއް ޓީމަށް ސޮއިކުރެވުން ވަރަށް ބޮޑަށް ފާހަގަކުރަން ނިންމާފައިވާ ކަމަށާއި، ހުރިހާ އެންމެންވެސް އިވެންޓްގައި ބައިވެރިވާނެ ކަމަށްވެސް ކްލަބުން މައުލޫމާތު ދީފައިވެއެވެ.
ޑިފަޑޭންގް މިވަގުތު އޮތީ ލަކްސަންބާގު ލީގުގެ ހަތްވަނައިގައެވެ. އެ ކްލަބު ވަނީ މީގެ ކުރިން ހަ ފަހަރު އެގައުމުގެ ލީގު ޗެމްޕިއަންކަން ހޯދައިފައެވެ. އެހެން ނަމަވެސް އެންމެ ފަހުން ޑިފަޑޭންގް ލީގު ހޯދީ 1979 ވަނަ އަހަރުއެވެ.