މުޖްތަމައުގައި އޮތް ބޮޑު މައްސަލައެއްގެ މައްޗަށް ބިނާކޮށް ތަޖުރިބާކާރު ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ) ހަދާ ބިރުވެރި ފިލްމުގެ މަސައްކަތް ނިންމާލައިފިއެވެ.

"އުދަބާނި"، "ސަނދުރަވިރޭ" ފަދަ ބިރުވެރި ފިލްމުތައް އުފައްދާފައިވާ އަމްޖޭ މިފަހަރު ހަދާ ފިލްމުގެ ނަމަކީ "ރޭވުމުން" އެވެ. މިއީ އޭނާގެ 52 ވަނަ ފިލްމެވެ.

ސަން އާ ވާހަކަ ދައްކަމުން އަމްޖޭ ބުނީ މި ފިލްމުގައި ފެންނާނީ މުޖުތަމައުގައި މިހާރު އޮތް ބޮޑު މައްސަލައެއް ކަމަށްވާ ގެދޮރުގެ ދަތިކަން ކުރިމަތިވެ އެ މައްސަލަ ބޮޑުވެގެން ދިމާވާ ކަންތައްތައް ކަމަށެވެ.

ފިލްމުގެ ޝޫޓިން ނިންމައި މިހާރު ކުރިއަށް ދަނީ ފިލްމަށްބޭނުންވާ "ޕެޗް" ނެގުމުގެ މަސައްކަތް ކަމަށްވެސް އަމްޖޭ ބުންޏެވެ.

ރޭވުން ފިލްމުގައި ފެނިގެންދާ ތަރިންނަކީ މުހައްމަދު މަނިކު، އަހުމަދު ޝާޒު، އަލަށް ތައާރަފްވާ ބަތަލާ ނާޒިފާ (ނާ) އަދި ރޯނު ހަސަން މަނިކާ ފައުޒިއްޔާގެ އިތުރުން ޝަކިލާ އެވެ.

މި ފިލްމުގެ ކެމެރާގެ މަސައްކަތް ކޮށްފައިވަނީ މުހައްމަދު އަބޫބަކުރު (މާ އެނބޫ) އެވެ. ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކުރަނީ އަހުމަދު ޒިޔާ އެވެ. މިއުޒިކްގެ މަސައްކަތް ކުރަނީ ހުސައިން ސޮބާހެވެ. ފިލްމުގައި ހަތަރު ލަވަ ހިމެނޭނެއެވެ.

މި ފިލްމުގެ ޝޫޓިން ނިންމައި ސްކްރީނަށް ގެނައުމުގެ އެންމެ ފަހުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ. 52 ވަނަ ފިލްމާމެދު އަމްޖޭގެ އުއްމީދުތައްވެސް ބޮޑެވެ.

"ﷲ އިރާދަކުރެއްވިއްޔާ މި ފިލްމަކީ މިއަހަރު އަޅުވާނެ އެންމެ ރަނގަޅު ފިލްމު،" އަމްޖޭ ބުންޏެވެ.

އަންނަ މާޗްމަހުގެ ތެރޭ ފިލްމު އެޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް އަމްޖޭ ބުންޏެވެ. މިހާރު ނިންމާފައިވަނީ މާޗް 24 ގައި ފިލްމު އެޅުވުމަށެވެ.