17 Aug 2011, 13:52
ޕްރެމިއާ ލީގުގައި މެންޗެސްޓާ ސިޓީއަށް މިސީޒަންގެ ލީގު ހޯދައިދިނުމަށް އެހީވެދޭނެ ކަމަށް އެކްލަބާއި އަލަށް ގުޅި ފުރަތަމަ މެޗްގައި ދެލަނޑު ކާމިޔާބުކޮށްދިން ހުނަރުވެރި ފޯވާޑް ސާޖިއޯ އަގުއެރޯ ބުނެފި އެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ މެންސިޓީ އާއި ސްވަންސީ ޕްރެމިއާ ލީގުގައި ބައްދަލުކުރި މެޗްގެ ފަހުހާފްގައި ކުޅެން ނުކުމެ ދެލަނޑު ކާމިޔާބުކޮށްދީ އިތުރު ލަނޑެއް ކާމިޔާބުކޮށްދިނުމަށް އެހީތެރިވެދިން އަގުއެރޯ ވަނީ އެކްލަބުގައި ހުރެވެސް ކާމިޔާބީ ހޯދިދާނެކަން ޔަގީންކޮށްދީފަ އެވެ.
"މިއީ އަހަރެންނަށް ލީގު ބަދަލުކޮށްލުމަށް ލިބުނު ފުރުސަތެއް. މިޓީމުގައި ލީގު ހޯދޭނެ ފެންވަރު އެބަހުރި. މިލީގަކީ ވާދަވެރިކަން ބޮޑު ލީގެއް ކަމަށް ވިޔަސް އަހަރެމެން މިހިރީ ލީގު ހޯދުމަށް ތައްޔާރުވެގެން. އަހަރެން ކުޅުނު ފުރަތަމަ މެޗްގެ ދެވަނަ ހާފަށް ނުކުމެ މާގިނައިރުތަކެއް ނުވަނީސް ފުރަތަމަ ލަނޑުޖަހާ އަދި ދެވަނަ ލަނޑެއް ފަހު މިނެޓްގައި ޖަހާފައިވާނެ. އަހަރެން ބޭނުމީ އެގޮތުގައި ކުޅުމަށް. މިޓީމު މިހާރު މިދަނީ ކުރި އަރަމުން. ލީގު ހޯދައިދިނުމަށް ޓީމަށް އަހަރެން އެހީތެރިވެދޭނަން." އަގުއެރޯ ބުންޏެވެ.
އުމުރުން 23 އަހަރުގެ އާޖެންޓީނާ ފޯވާޑް އަގުއެރޯގެ އެންމެ ރަނގަޅު ކުޅުން މެންސިޓީއަށް ދައްކައިދޭނެ ކަމަށް އެކްލަބުގެ ސަޕޯޓަރުންނަށް ވަނީ ވައުދުވެފަ އެވެ.
"އަހަރެން ހުރިހާ މެޗެއްގައިވެސް އަހަރެންނަށް ކުޅެވެންހުރި އެންމެ ރަނގަޅަކަށް ކުޅޭނަން. އަހަރެން ކޮންމެ މެޗެއްވެސް ކުޅޭނީ ވަރަށް ފަރުވާ ބަހައްޓައިގެން. އަހަރެންނަށް ހުރިހާ ކަމެއް ނުކުރެވުނު ނަމަވެސް އަހަރެންނަށް ދަނޑުމަތީގައި ދެއްކެން ހުރި ހުރިހާ ކުޅުމެއް ދައްކާނަން." އަގުއެރޯ ބުންޏެވެ.
އަގުއެރޯއާ އެކު މެންސިޓީގެ ފޯވާޑް ލައިންގައި ހަރަކާތްތެރިވުމަށް ވަރަށް ވޮޑަށް ޝައުވެރިވާ ކަމަށް އެކްލަބުގެ ފޯވާޑް އެޑިން ޒެކޯވެސް ބުނެފައިވެ އެވެ. "ކްލަބަކާއި އަލަށް ގުޅި ތިރީސް މިނެޓަށް ކުޅެން ނުކުމެ ދެގޯލް ޖެހުމަކީ ހައިރާން ކުރަނިވި ކަމެއް. އަހަރެން އޭނާއަށް ވެސް އަދި މެންސިޓީ އަށް އެކަހަލަ ކުޅުންތެރިއެއް ލިބުނު ކަމަށްޓަކައި އުފާކުރަން. އޭނާ 100 އިންސައްތަ ފިޓްނޫނަސް އޭނާގެ ކުޅުން ވަރަށް ރަނގަޅު. އޭނާ ފިޓްވުމުން އެއަށްތެރެން ރަނގަޅުވާނެކަން ޔަގީން." ޒެކޯ ބުންޏެވެ.