24 May 2010, 16:03
19:00
މާލޭގެ ގޭބިސީތަކުގެ އަށާރަ ހާސް ކަރަންޓް މީޓަރަކަށް ސަބްސިޑީޒް ލިބޭނެ ކަމަށާއި އޭގެ ތެރެއިން 60 ޕަސެންޓް ގޭބިސީތަކުގެ ކަރަންޓު ބިލަށް ފުދޭވަރެއްގެ ބޮޑު ހެޔޮވުމެއް އަންނާނެ ކަމަށް އެންސްޕާ އިން ބުނެފި އެވެ.
އެންސްޕާގެ ޗެއާމަން އިބްރާހިމް ވަހީދު މިއަދު ވިދާޅުވީ އެންސްޕާ އިން ސަބްސިޑީ ދިނުމަށް ހަމަޖެއްސި އުސޫލުތައް އިއްޔެ ހާމަކުރުމާ ގުޅިގެން އާއްމު ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާ ކަމަށެވެ. އެގޮތުން މާލޭގެ 400 ޔުނިޓާ ހަމައަށް ކަރަންޓް އަރަނީ ވަރަށް މަދު ގޭބިސީތަކަކަށް ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކުގެ ސަބަބުން ރައްޔިތުންނަށް ކަމުގެ ހަޤީޤަތް އޮޅެމުންދާ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
ވަހީދު ވިދާޅުވީ އަލަށް ސަބްސިޑީ ދިނުމަށް ހަމަޖެއްސި އުސޫލުގެ ދަށުން މާލޭގެ އަށާރަ ހާސް މީޓަރުގެ ތެރެއިން 60 ޕަސަންޓް މީޓަރަށް ވަރަށް ބޮޑު ހެޔޮވުމެއް އަންނާނެ ކަމަށެވެ. އަދި ބާކީ 40 ޕަސެންޓް މީޓަރަށްވެސް 235 ރުފިޔާގެ ސަބްސިޑީއެއް ލިބެމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެންސްޕާ އިން ބުނީ އަލަށް ހަމަޖެއްސި އުސޫލުގެ ދަށުން އެއް ޔުނިޓުން ފެށިގެން 300 ޔުނިޓާ ހަމަޔަށް ކަރަންޓް ބޭނުންކުރާ ފަރާތްތަކަށް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ޗާޖުކުރި މިންވަރަށް ވުރެ ދަށްވާނެ ކަމަށާއި މިދިޔަ މަހުން ފެށިގެން ހަ މަސް ދުވަސް ވަންދެން ޑޮމެސްޓިކް ކަރަންޓް ބޭނުންކުރާ ފަރާތްތަކަށް ތެލުގެ ސާޗާޖު ވެސް ދައްކައިދޭނެ ކަމަށެވެ. އޭގެ ތެރޭގައި 400 ޔުނިޓަށް ވުރެ މަތިން ކަރަންޓް ބޭނުންކުރާ ގެތައް ވެސް ހިމެނޭ ކަމަށް ވެސް އެންސްޕާއިން ބުނެ އެވެ.