މިއަދު ހައްޔަރުކުރި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫންގެ މައްޗަށް ގާނޫނީ ސަރުކާރު ވައްޓާލަން ރޭވުމުގެ ތުހުމަތު ކޮށްފިއެވެ.

ކްރިމިނަލް ކޯޓަށް ދާދިފަހުން އައްޔަނުކުރި ގާޒީ ހުސެއިން ޝަހީދު ސޮއިކުރައްވާ ނެރުނު އަމުރުގައި ފާރިސް ހައްޔަރުކުރުމަށް ބޭނުންވާ ސަބަބެއްގެ ގޮތުގައި ވަނީ ތިން ކަމެއް ފާހަގަކޮށްފައެވެ. އެއީ މީގެ ކުރިންވެސް ފާރިސްގެ މައްޗަށް ކޮށްފައިވާ މެންބަރުންނަށް ރިޝްވަތު ބެހިކަމަށް ތުހުމަތުކުރެވޭތީއާއި ރާއްޖޭގެ އުފެދިފައިވާ ގާނޫނީ ސަރުކާރު، ގާނޫނާ ހިލާފަށް ވައްޓާލުމަށް ރާވާފައިވާ ކަމުގެ ތުހުމަތެވެ.

އަދި އެ މައްސަލަތައް ތަހްގީގްކުރަމުންދާއިރު ފާރިސް ދޫކޮށްލާފައި ހުރުމުން ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅި ހެކި ފޮރުވާ ހެކިބަސް ދޭންތިބި ފަރާތްތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް އުމުރުގައި ވެއެވެ.

ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ފާރިސް ދިރިއުޅުއްވާ މ. ސްނޯ ރޯސް ބަލާ ފާސްކޮށް ފާރިސްގެ ފޯނާއި ސިމް ކާޑުގެ އިތުރުން މެމޮރީކާޑު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ހުށެހެޅިކަމުގެ ކުށުގެ ދައުވާ އުފުލާފައިވާ ފާރިސް މައުމޫން މިދިޔަ އަހަރުގެ ޖުލައި 18 ވަނަ ދުވަހު ހައްޔުރުކޮށް އޭނާގެ ޝަރީއަތް ފަށާފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކޯޓުން ދޫކޮށްލާފައެވެ.