ރިޔާޒު (ޖެނުއަރީ 27): ކޮރަޕްޝަނުގެ ތުހުމަތުގައި މިދިޔަ ނޮވެމްބަރު މަހު ހައްޔަރު ކުރި ބިލިއަނަރު، ޕްރިންސް އަލް ވަލީދު ބިން ތަލާލް ދޫކޮށްލައިފި ކަމަށް އޭނާގެ އާއިލާއާ ހަވާލާދީ ރޮއިޓާސްއިން ބުނެފިއެވެ.

އަލް ވަލީދު މިއަދު ގެއަށް ވަޑައިގެންނެވި ކަމަށް ރޮއިޓާސްއިން ބުނީ އޭނާ ވަރަށް އަވަހަށް ދޫކޮށްލާނެ ކަމަށް އޭނާ އަމިއްލަފުޅަށް ވިދާޅުވާ އިންޓަވިއު އެއް ރޮއިޓާސް ޓީވީން ދެއްކި ފަހުންނެވެ.

އެއިންޓަވިއުގައި އަލް ވަލީދު ވަނީ އޭނާއާ ދެކޮޅަށް އެއްވެސް ދައުވާއެއް ކޮށްފައި ނުވާ ކަމަށާއި، އޭނާއާ ސަރުކާރާ ދެމެދު މަޝްވަރާތަކެއް ބޭއްވި ކަމަށް ވިދާޅުވެފައެވެ.

އަލް ވަލީދު ދޫކޮށްލާފައި ވަނީ އޭނާއާ އެކު ހައްޔަރު ކުރި، އެމްބީސީ ޓީވީގެ ވެރިޔާ ވަލީދު އަލް އިބްރާހިމް އާއި ރޯޔަލް ކޯޓުގައި ކުރިން އިސްކޮށް ހުންނެވި ޚާލިދު އަލް ތުވައިޖިރީވެސް ދޫކޮށްލި ފަހުންނެވެ.

ކޮރަޕްޝަނާ ދެކޮޅަށް ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ފެއްޓެވި މަސައްކަތްތަކުގެ ދަށުން މިދިޔަ ނޮވެމްބަރު މަހު އެގައުމުން ވަނީ 200 އަށް ވުރެ ގިނަ ޕްރިންސުންނާއި ވިޔަފާރިވެރިން ހައްޔަރުކޮށްފައެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ވަނީ ސަރުކާރަށް ފައިސާ ދެއްކުމުން ދޫކޮށްލާފައެވެ.

އެގޮތުން ޕްރިންސް މުތައިބް ބިން އަބްދުﷲ ދޫކޮށްލީ އެއް ބިލިއަން ޑޮލަރު ދެއްކުމުން ކަމަށް ބައެއް ރިޕޯޓުތަކުގައިވެއެވެ. (ރޮއިޓާސް)