މަޖިލިސް ހޫނުވެ، ތިމަރަފުށި ދާއިރާގެ މެމްބަރު މުސްތަފާ އާއި ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދުގެ ނަން އިއްވައި އެ ދެ މެމްބަރުން ޖަލްސާ ކުރާ މާލަމުން ނެރެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވީ ބިމާ ބެހޭ ބިލުގެ ބަހުސްގައި ނޮޅީވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް، ނިޒާމީ މައްސަލައެއް ނަންގަވައި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއަށް އެނބޫދޫ ފިނޮޅު އެއްކޮށް ހިއްކަން ދީފި ކަމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅު ވުމުންނެވެ.

އޭނާ ވިދާޅުވީ، "ބިމުގެ ބިލުގެ ވާހަކަ ދައްކާއިރު، ތިމަރަފުށީ މެމްބަރަށް (މުސްތަފާ) އެނބޫދޫ ފިނޮޅު މިހާރު ހިއްކަން އެއްކޮށް ދީފި[ ކަމަށާއި] މިހާރު އޮތީ ސޮއިކުރާ ހިސާބުގައި" ކަމަށެވެ.

އަހުމަދު ރަޝީދު އެހެން ވިދާޅުވުމާ ގުޅިގެން ނިޒާމީ މައްސަލަ ނަންގަވައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް މަލާމާތްކޮށް، އެ ދެ މެންބަރުންގެ މެދުގައި ޒުވާބު ގަދަވި އެވެ. އަދި އެޒުވާބުގައި އިތުރު މެންބަރުން ބައިވެރިވުމުގެ ސަބަބުން ތަޅުން ހޫނުވެ ބައެއް މެންބަރުންގެ މެދުގައި ވަނީ ހަމަނުޖެހުން ވެސް ހިނގައިފަ އެވެ.

އެވަގުތު މަޖިލީހުގެ ނިޒާމް ގެއްލިގެން ދިއުމުން މެންބަރުންނަށް އިންޒާރު ދެއްވައި، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ އަހްމަދު ނާޒިމް ވިދާޅުވީ، ނަން އިއްވުމަށް ފަހު ހުރިހާ މެންބަރުން މަޖިލީހުން ނެރެން ޖެހުނުކަމަށް ވިޔަސް މަޖިލިސް ނިޒާމަށް އަޅުވާނެ ކަމަށެވެ.

އެ މައްސަލައިގައި ނަން އިއްވި ދެ މެންބަރުންގެ އިތުރުން މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދަށާއި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ރަޝީދަށް ވެސް ރިޔާސަތުން އިންޒާރު ދެއްވި އެވެ.

އެ މައްސަލަ ގަނޑުގެ ތެރޭގައި ނިޒާމީ މައްސަލަ ނަންގަވައި އިދިކޮޅު ބައެއް މެންބަރުން ވިދާޅުވީ، އެއީ ކަސްޓަމްސްގެ ބިލަށް ހުށަހަޅާފައިވާ އިސްލާހަށް ވޯޓަށް އެހުމަށް ހަމަޖެހިފައިވާތީ އެކަން ވިޔަ ނުދިނުމަށް ރާވައިގެން ކުރާކަމެއް ކަމަށެވެ. އަދި މެންބަރުން އަޑުގަދަ ކުރަމުންދަނިކޮށް ބިމާ ބެހޭ ބިލަށް ވާހަކަ ދައްކަމުން، ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ އެނބޫދޫ ފިނޮޅު މުސްތަފާ އަށް ދިންކަމަށް ދައްކާ ވާހަކަ އަކީ ދޮގު ވާހަކައެއް ކަމަށެވެ.

މެންދުރު ފަހު 1:37 އެހާކަންހާ އިރު، ނަން އިއްވި ދެ މެންބަރުން ނިކުންނަވަންދެން ޖަލްސާ މެދުކަނޑުއްވާލެއްވުމަށް ފަހު، 20 މިނިޓްގެ ތެރޭގައި އަލުން ޖަލްސާ ފަށައިގެން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.