ކާބުލް (ޖެނުއަރީ 27): އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ދިން ބޮމުގެ ހަމަލާއެއްގައި 40 މީހަކު މަރުވެ، 140 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެއެވެ.

ބޮން ހަރުކޮށްފައިވާ އެމްބިއުލާންސެއް ގޮއްވާލައިގެން ދިން އެހަމަލާގެ ޒިންމާ ތާލިބާނުން ވަނީ ނަގާފައެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އަފްގާނު ގަޑިން 12:15ގައި އެހަމަލާ ދީފައި ވަނީ ޔޫރަޕިއަން ޔޫނިއަނާ ފޮރިން އެމްބަސީތަކާއި ކާބުލްގެ ފުލުހުންގެ ހެޑްކުއާޓާސް ހުންނަ ސަރަހައްދަކަށެވެ.

އަދި އެހާދިސާގައި އަނިޔާވި މީހުންނަށް މިހާރު ފަރުވާދެމުން ދާއިރު ހަމަލާގެ ސަބަބުން މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސިއްހީ އޮފިޝަލުން ވިދާޅުވިއެވެ.

އެހަމަލާ ދީފައި ވަނީ ކާބުލްގެ ލަގްޒަރީ ހޮޓަލަކަށް ތާލިބާނުން ދިން ހަމަލާއެއްގައި 18 މީހަކު މަރާލިތާ ހަފްތާއެއް ފަހުންނެވެ. އަދި އިސްލާމިކް ސްޓޭޓް (އައިއެސް)އިން އެގައުމުގައި ހުންނަ ސޭވް ދަ ޗިލްޑްރެންގެ އޮފީހަކަށް ހަމަލާދީ ތިން މީހަކު މަރާލިތާ ދުވަސްކޮޅެއް ފަހުންނެވެ. (އަލްޖަޒީރާ)