27 Jan 2018, 16:33
އޭޓީޕީ ޓުއާއަކީ އަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ގައުމުތަކުގައި ކުރިއަށްދާ ޓެނިސް ޓުއާއެވެ. ކޮންމެ އަހަރެއްގެވެސް ޓެނިސް ޓުއާ ފަށަނީ އޮސްޓްރޭލިއަންގެ މެލްބަންގައި ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަން މުބާރާތުންނެވެ.
މިއަހަރުގެ އޮސްޓްރޭލިއަން އޯޕަން ފެށުމުގެ ކުރިން އެންމެފަހުގެ ޗެމްޕިއަން، ރޯޖާ ފެޑެރާ ބުނެފައިވަނީ އޭނާގެ އުމުރުން 36 އަހަރުގައި މުބާރާތުގެ ފެވަރިޓަކީ އޭނާ ނޫން ކަމަށެވެ. އެހެން ނަމަވެސް މުބާރާތުގައި އެންމެ ފިޓްކޮށް ފެނުނީ އަނެއްކާވެސް ރޯޖާ ފެޑެރާއެވެ. ފެޑެރާ ބުނީ އަނެއްކޮޅުން ފައިނަލަށް ދިޔަ މަރިން ސިލިޗާއި އޭނާގެ ފަރާތުން މުބާރާތުގައި ފެނުނު ރަނގަޅު ފޯމްގެ ސިއްރަކީ ރާއްޖޭގައި ޗުއްޓީ ހޭދަކުރި ދުވަސްކޮޅު ތެރޭގައި ވަގަށް ކުރި ފަރިތަކުރުން ކަމަށެވެ.
ސަމާސާ ރާގަކަށް ވާހަކަ ދައްކަމުން ފެޑެރާވަނީ މިދިޔަ ނޮވެންބަރު މަހު ރާއްޖޭގެ ބ. އަތޮޅުގެ ރިސޯޓެއް ކަމަށްވާ އަނަންތަރަ ރެސޯޓްސް އެންޑް ސްޕާގައި އޭނާ ހޭދަކުރި ދުވަސްވަރު ހިނގި ކަންކަމުގެ ވާހަކަ ހިއްސާކޮށްފައެވެ.
"އަހަރެން ދިޔައީ އެ ރިސޯޓަށް ފުރަތަމަ، ޗުއްޓީގައި، އާއިލާއާވެސް އެކު. އަހަރެން ކައިރީގައި ރިސޯޓުން ބުނީ ސިލިޗްވެސް އަންނަ ވާހަކަ. އެހެން ބުނީމަ އަހަންނަށް ކުއްލިއަކަށް ބުނެވުނު 'އޯ ދެޓް އިޒް ކޫލް' އޭ،" ފެޑެރާ އޭނާގެ ޗުއްޓީ ފެށުނު ހިސާބު ކިޔައިދިނެވެ.
ފެޑެރާ ބުނީ ދެމީހުންވެސް ތިބީ އެކަކު އަނެކަކަށް ޓެނިސްގެ ވާހަކައެއް ދައްކާ އުނދަގޫ ނުކުރުމަށް ކަމަށާއި، އެއީ އަހަރުގައި ހަމައެކަނި ލިބޭ ޗުއްޓީ ކަމަށްވެސް ވާތީ ކަމަށެވެ. އެހެން ނަމަވެސް އެގޮތަށް މަޑުކުރެވުނީ ދެ ދުވަސް ކަމަށްވެސް ފެޑްރާ ބުންޏެވެ.
"ދެ ދުވަސްފަހުން ސިލިޗް މެސެޖު ކޮށްފި، އަހަރެންވެސް މިއުޅެނީ ހަމަ އެ ރިސޯޓުގައޭ، އެއްވެސް ކަމަކާ ވާހަކަ ދައްކާލާ ޓެނިސް މެޗެއް ޖަހާލަން ބޭނުމިއްޔާ ހަބަރެއް ވެލާށޭ،" ފެޑެރާ ބުންޏެވެ.
ފެޑެރާބުނީ އޭގެ ޖަވާބުގައި އޭނާ ކުޑަކޮށް ޓެނިސް ކުޅެލުމަށް އެއްބަސްވި ކަމަށާއި، ރިސޯޓުގައި ޓެނިސް ކުޅުނީ އެންމެ 45 ވަރަކަށް މިނެޓް ކަމަށެވެ. އެހެން ނަމަވެސް ކޯޗެއް، ޓްރެއިނަރެއް ނެތި އޯޕަން ތަނެއްގައި އެފަދަ ގޮތަކަށް ކުޅެލުމުން ސީޒަންގެ ފުރަތަމަ މުބާރާތަށް ނުކުތްއިރު ވަރަށް ބޮޑަށް އެހީވެދިން ކަމަށްވެސް ފެޑެރާ ބުންޏެވެ.

ފެޑެރާ ރާއްޖޭގެ އަނަންތަރަ ރެސޯޓްސް އެންޑް ސްޕާގައި --- ފޮޓޯ/ ފެޑެރާ ފޭސްބުކް
ފެޑެރާ ބުނީ ރާއްޖޭގައި ހާދަކުރި ޗުއްޓީގައި އަބަދު ސިލިޗާއެކުގައި ނޫޅުނު ނަމަވެސް، ދެމީހުންގެވެސް އަންހެނުންނާ އާއިލާ ބައްދަލުވެ ވަރަށް ބޮޑަށް ގުޅުން ރަނގަޅުވި ކަމަށެވެ. އަދި ކުޑަ ވަގުތުކޮޅެއްގައި ކުޅެލި ޓެނިސް މެޗާއެކު ފުރަތަމަ މުބާރާތަށް މީހާގެ ސިކުނޑި ސެޓްވިކަމަށްވެސް ފެޑެރާވަނީ ފާހަގަކޮށްފައެވެ.
އޮސްޓްރޭލިއަން އޯޕަން ފައިނަލްގައި ފެޑެރާ އަދި ސިލިޗް ކުޅޭ މެޗު އޮންނާނީ މާދަމާއެވެ. ފެޑެރާވަނީ މީގެކުރިން ހަ ފަހަރަށް އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށްފައެވެ. ސިލިޗަށް މިއީ ފުރަތަމަ އޮސްޓްރޭލިއަން އޯޕަން ފައިނަލެވެ.