17 Aug 2011, 13:33
ލޯބިވެރިޔާ އާ ބައްދަލު ކުރަން ރ. އަނގޮޅިތީމަށް ދިޔަ އެ އަތޮޅު ރަސްގެތީމު ޒުވާނަކަށް ބަޔަކު ހަމަލާދީ ޒަޚަމްކޮށްލުމާ ގުޅިގެން އޭނާ މާލެ ގެނެސް ފަރުވާ ދޭން ފަށައިފި އެވެ.
އަނގޮޅިތީމަށް ލޯބިވެރިޔާއާ ބައްދަލު ކުރަން ދިޔަ ރަސްގެތީމު ލޫނާ، ޢަލީ ރިމްޒީ 28، އަށް މިދިޔަ އާދީއްތަ ދުވަހުގެރޭ އެ ރަށު ބަޔަކު ހަމަލާދިނުމާ ގުޅިގެން ރިމްޒީގެ ބޮލަށާއި ލޮލަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފަ އެވެ.
އެގޮތުން އޭނާގެ ބޮލުގެ ނާށިގަނޑުން ދެ ތަނަކުން ރެނދުލާފައިވާ އިރު ކަންފަތުން ލޭމަނާނުވާ ކަމަށް އާއިލާއިން ބުންޏެވެ. އަދި ރިމްޒީގެ ލޯ ވެސް ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށް ވެސް އޭނާގެ އާއިލާން ބުންޏެވެ.
"ރިމްޒީ އެ ރަށަށް ދިޔައީ އޭނަ ރައްޓެހިވެގެން އުޅޭ ކުއްޖާ ބުނެގެން. އެރަށަށް ގޮސް އެދެމީހުން ބައްދަލު ކުރަންދިޔަ ވަގުތު ބަޔަކު އޭނާ އަށް ހަމަލާދިން ކަމަށް ވަނީ. މާލެ ގެނައި އިރު ރިމްޒީގެ ކަންފަތުން ލޭމަނައެއް ނުވޭ. އަދި ލޯ ވެސް ހުރީ ވަރަށް ބޮޑަށް ދުޅަވެގެންއަރާފައި. ބޮލުގެ ނާށިގަނޑުން ވެސް ދެތަނަކުން ރެނދުލާފައި ހުރީ،" ނަން ނުޖެހުމަށް ޝަރުތުކޮށް ރަސްގެތީމު މީހަކު ބުންޏެވެ.
ރިމްޒީ އަށް އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިދިޔަ ހޯމަ ދުވަހު ވަނީ މާލެ ގެނެސްފަ އެވެ.
ފުލުހުން ބުނީ އެ ފަދަ މައްސަލައެއް އެ ރަށުގައި އުޅޭ ކަމަށާއި އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލަ އާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފަ އެއްނުވެ އެވެ.