27 Jan 2018, 14:26
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫން ދިރިއުޅުއްވާގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރަން ފަށައިފިއެވެ.
އެނގިފައިވާ ގޮތުގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލާ ފާސްކުރަމުން ދަނީ ފާރިސް ދިރިއުޅުއްވާ މ. ސްނޯ ރޯސްގެ ހަ ވަނަ ފަންގި ފިލާއެވެ.
ފާރިސް ދިރިއުޅުއްވާ ގެ ބަލާފާސްކުރަމުން ދަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ބެހިކަމަށް ތުހުމަތުކުރެވޭތީ އާއި މަޖިލިސް މެންބަރުންނާ ގުޅިގެން ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލުމަށް ރާވާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެކަމާ ގުޅުން ހުރި ލިޔެކިޔުންތައް ހޯދުމަށެވެ.
ކޯޓު އަމުރުގައި ވާގޮތުން ފާރިސްގެ ފޯނާއި ސިމް ކާޑުގެ އިތުރުން މެމޮރީކާޑު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް 90 ދުވަހަށް ގެންދާނެއެވެ. ބަލައި ފާސްކުރުމުގެ އަމުރު ނެރެފައިވަނީ 72 ގަޑިއިރަށެވެ.
ފާރިސް ދިރިއުޅުއްވާ ގެ ބަލާފާސްކުރުމަށް ނެރެފައިވާ އަމުރުގައި ސޮއި ކުރައްވާފައިވަނީ ދާދި ފަހުން ކްރިމިނަލް ކޯޓަށް އައްޔަނު ކުރީ ގާޒީ ހުސައިން ޝަހީދުއެވެ.
ފާރިސް ދިރިއުޅުއްވާ ގެ ފުލުހުން ބަލާ ފާސްކުރަމުން ދާއިރު އޭނާގެ އާއިލާއިން މިއަދު ވަނީ ފާރިސް ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ހުށެހެޅިކަމުގެ ކުށުގެ ދައުވާ އުފުލާފައިވާ ފާރިސް މައުމޫން މިދިޔަ އަހަރުގެ ޖުލައި 18 ވަނަ ދުވަހު ހައްޔުރުކޮށް އޭނާގެ ޝަރީއަތް ފަށާފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކޯޓުން ދޫކޮށްލާފައެވެ.
ފާރިސް ދޫކޮށްލީ ތިން ޝަރުތެއް ކުރުމަށްފަހުއެވެ. އެ ތިން ޝަރުތަކީ ކޯޓަށް ހާޒިރުވާން އަންގާ ކޮންމެ އިރަކަށް ކޯޓަށް ހާޒިރު ވުމާއި ކޯޓުގެ ހުއްދައެއް ނެތި ރާއްޖޭން ބޭރަށް ނުދިއުމާއި ހެއްކަށް ނުފޫޒު ނުފޯރުވުމެވެ.