ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް އިސްތިއުފާ ނުދެއްވާ ކަމަށާއި އަދިވެސް ހުންނެވީ ފުލުހުންގެ ހިދުމަތުގައި ކަމަށް ފުލުހުންގެ ތަރުޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވެއްޖެއެވެ.

ޝިފާން މިހެން ވިދާޅުވީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރު ކުރުމަށް އަރީފް ދެކޮޅު ހެއްދެވުމުން އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށް ވިދާޅުވުމުންނެވެ.

މިކަން ދޮގުކުރައްވައި ޝިފާން ވިދާޅުވީ، އަރީފް އިސްތިއުފާ ދެއްވި ކަމަށް ދެކެވޭ ވާހަކަ އަކީ ދޮގު ހަބަރެއް ކަމަށާއި އޭނާ މިވަގުތު ވެސް ހުންނެވީ ސީޕީގެ މަގާމުގައި ކަމަށެވެ.

ފާރިސް އަނެއްކާވެސް ހައްޔަރުކޮށް ބަންދުގައި ބަހައްޓަން އުޅޭ ކަމުގެ ވާހަކަތައް ދެކެވެމުންދާއިރު، އެކަމާ ގުޅޭގޮތުން އަދި ރަސްމީ ސިފައެއްގައި އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ނަމަވެސް ޔުމްނާ މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި، ހަ މަސްދުވަހަށް ވުރެ ގިނަ ދުވަހުގެ ބަންދަކަށް ފަހު ކަރެކްޝަންސްއިން ފާރިސް ދޫކުރިތާ މިއަދަށް މިވީ ދެ ދުވަސް ކަމަށާއި އަނެއްކާ ވެސް ފާރިސް އެހާ އަވަހަށް އަނބުރާ ބަންދަށް ގެންދަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.