ހަ މަސްދުވަހު ބަންދުގައި ހުރުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ދޫކޮށްލި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން އަނެއްކާވެސް ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަމަށް އާއިލާއިން ތުހުމަތުކޮށްފިއެވެ.

ފާރިސްގެ ދައްތާފުޅު ޔުމްނާ މައުމޫން މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާރިސް ހައްޔަރުކުރަން އުޚޭ ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ. ކްރިމިނަލް ކޯޓުން ފާރިސް ދޫކޮށްލަން އަމުރު ކުރިތާ ދެ ދުވަސް ފަހުން އަނެއްކާ ވެސް ފާރިސް ހައްޔަރުކުރަން މަސައްކަތް ކުރާކަމަށް ތުހުމަތުކޮށް ޔުމްނާ ވަނީ އެކަމަކީ އަނިޔާވެރިކަމެއްކަމަށް ސިފަކުރައްވާފައެވެ.

ފާރިސް ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ކުރާ ކަމަށް ތުހުމަތުކުރި ނަމަވެސް އެކަމާ ގުޅިގެން އެއްވެސް އެއްޗެއް ފުލުހުން ނުބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ހުށެހެޅިކަމުގެ ކުށުގެ ދައުވާ އުފުލާފައިވާ ފާރިސް މައުމޫން ހައްޔަރުކުރީ މިދިޔަ އަހަރުގެ ޖުލައި 18 ވަނަ ދުވަހުއެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހުކުމްކޮށްފައެވެ.

ނަމަވެސް ފާރިސްގެ ދެކޮޅަށް ހުށަހަޅާފައިވާ ފޮރެންސިކް ހެކިތައް މިނިވަން ތިންވަނަ ފަރާތެއް މެދުވެރިކޮށް ތަހްލީލް ކުރަން އެދުމުން ގާޒީ ވަނީ އެކަމަށް ގިނަ ދުވަސްތަކެއް ނަގާފާނެ ކަމަށް ވިދާޅުވެ، ތިން ޝަރުތެއް ކުރުމަށްފަހު ފާރިސް މިނިވަންކޮށްފައެވެ.

އެ ތިން ޝަރުތަކީ ކޯޓަށް ހާޒިރުވާން އަންގާ ކޮންމެ އިރަކަށް ކޯޓަށް ހާޒިރު ވުމާއި ކޯޓުގެ ހުއްދައެއް ނެތި ރާއްޖޭން ބޭރަށް ނުދިއުމާއި ހެއްކަށް ނުފޫޒު ނުފޯރުވުމެވެ.