ޓޮރޮންޓޯ(ޖެނުއަރީ 27): ކެނެޑާގައި މިދިޔަ މަހު މަރުވެފައި ތިއްބާ ފެނުނު ބިލިއަނަރު ބެރީ ޝާމަން އާއި އަންހެނުން ހަނީގެ މަރަކީ ގުދުރަތީ މަރެއް ނޫން ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ މަހުގެ 15ގައި އެ ދެމަފިރިންގެ ހަށިގަނޑު ފެނިފައި ވަނީ ޓޮރޮންޓޯގައި ހުންނަ އެ ދެ މީހުންގެ ގެއިންނެވެ.

އެމައްސަލަ ތަހުގީގު ކުރަމުންދާ ޑިޓެކްޓިވް ސޫސަން ގޯމްސް ވިދާޅުވި ގޮތުގައި އެދެމަފިރިން އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހުގެ 13އިގައި އެވެ. އޭގެ ފަހުން އެ ދެ މީހުންގެ އާއިލާއާ ވާހަކާ ދައްކާފައި ނުވާ ކަމަށާއި އެމީހުންގެ ގެއަށް ބަޔަކު ގަދަކަމުން ވަން ކަމުގެ ހެއްކެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނި ގޮތުގައި ބެރީއާއި ހަނީ ޝާމަން މަރާލާފައި ވަނީ ނޭވާ ހާސްކޮށްގެންނެވެ. އަދި އެމައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ މީހުންނާ ސުވާލު ކުރަމުން ދިޔަ ނަމަވެސް އެއްވެސް މީހެއްގެ މައްޗަށް ދައުވާކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ޝާމަން އާއިލާއިން ވެސް ދަނީ އެމައްސަލައިގެ މިނިވަން ތަހުގީގެއް ކުރަމުންނެވެ. އަދި އިއްޔެ އެއާއިލާއިން ވަނީ ފުލުހުން ހިއްސާ ކުރި މައުލޫމާތާއި މިނިވަން ތަހުގީގަށް ލިބިފައިވާ މައުލޫމާތު އެއްގޮތް ކަމަށް ބުނެފައެވެ.

ތަފާތު ބޭސް އުފައްދާ އަދި ވިއްކާ ދުނިޔޭގެ ހަތް ވަނައަށް އެންމެ ބޮޑު ކުންފުނި ކަމަށްވާ އެޕޯޓެކްސްގެ ބާނީ އަދި ޗެއާމަން ކަމަށްވާ ޝާމަން އަކީ ހަތަރު ކުދިންގެ ބައްޕައެކެވެ. އަދި ތަފާތު ޗެރިޓީތަކަށް އެތައް މިލިއަން ޑޮލަރު ހަދިޔާކޮށްފައިވާ ޝާމަން ދެމަފިރިންގެ ޖަނާޒާއަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯވެސް ވަޑައިގެންނެވިއެވެ. (ބީބީސީ)