ރިޔާޒު (ޖެނުއަރީ 27): ކޮރަޕްޝަނުގެ ތުހުމަތުގައި މިދިޔަ ނޮވެމްބަރު މަހު ސައުދީ އަރަބިއާ އިން ހައްޔަރު ކުރި އެންމެ ނުފޫޒު ގަދަ މީހުންގެ ތެރޭގައި ހިމެނޭ ދެ މީހަކު ދޫކޮށްލައިފި އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ސައުދީ އަރަބިއާގެ އެމްބީސީ ޓީވީގެ ވެރިޔާ ވަލީދު އަލް އިބްރާހިމް އާއި ރޯޔަލް ކޯޓުގައި ކުރިން އިސްކޮށް ހުންނެވި ޚާލިދު އަލް ތުވައިޖިރީ ދޫކޮށްލީ ސަރުކާރަށް ގިނަ އަދަދަކަށް ފައިސާ ދެއްކުމުންނެވެ. ނަމަވެސް ސައުދީ ސަރުކާރުން އެފައިސާއާ ބެހޭ ގޮތުން ވަކި އެއްޗެކޭ ބުނެފައެއް ނުވެ އެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ސައުދީގެ ޕްރިންސެއް ކަމަށްވާ މުތައިބް ބިން އަބްދުﷲ ދޫކޮށްލައިފައި ވަނީ އެއް ބިލިއަން ޑޮލަރު ދެއްކުމުންނެވެ. އަދި ވަލީދު އަލް އިބްރާހިމް ދޫކޮށްލުމަށް އެގައުމުގެ ސަރުކާރުން ހެދި އެއްބަސްވުމުގައި އެމްބީސީއާ ބެހޭ ޝަރުތެއް ވެސް ހިމެނޭ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ކޮރަޕްޝަނާ ދެކޮޅަށް ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ފެއްޓެވި މަސައްކަތުގެ ދަށުން 200 އަށް ވުރެ ގިނަ ޕްރިންސުންނާއި ވިޔަފާރިވެރިން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ފައިސާ ދެއްކުމުން ދޫކޮށްލާފައިވާ އިރު، ފައިސާ ދައްކަން ދެކޮޅު ހަދާ ފަރާތްތައް ޖަލަށް ލާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އަދި މިހާރު ސައުދީ ސަރުކާރުގެ ހައްޔަރުގައި ހުންނެވި ބިލިއަނަރު ޕްރިންސް އަލްވަލީދު ބިން ތަލާލް ވަނީ ކުޑަ ދުވަސްކޮޅެއް ތެރޭ އޭނާ ވެސް ދޫކޮށްލާނެ ކަމަށް ވިދާޅުވެފައި އެވެ. (ބީބީސީ)