މިޝަން: އިމްޕޮސިބަލްގެ ޝޫޓިންގެ ތެރެއިން މުހިއްމު ފޮޓޯތަކަކާއެކު ޓޮމް ކުރޫޒް، އެންމެ ފަހުން އިންސްޓަގުރަމް ބޭނުން ކުރަން ފަށައިފި އެވެ.

ގޯލްޑެން ގުލޯބް އެވޯޑް ތިން ފަހަރު ހޯދާފައިވާ އެމެރިކާ އެކްޓަރު އަދި ޕްރޮޑިއުސަރު ޓޮމް ކުރޫޒް، 55 އަހަރު އިންސްޓަގުރަމް ބޭނުން ކުރަން ފެށީ ބުރާސްފަތި ދުވަހުއެވެ.

އެކްޝަން ސްޕައި ފިލްމު ސީރީޒް މިޝަން: އިމްޕޮސިބަލްގެ ހަ ވަނަ ފިލްމުގެ ޕްރޮޑަކްޝަންގައި ބުރަކޮށް އުޅެމުންދާ ޓޮމް ކުރޫޒް އިންސްޓަގުރަމަށް އެންމެ ފުރަތަމަ ހިއްސާކުރީ ވެސް އެ ފިލްމުގެ ފްލެޕާބޯޑްގެ ފޮޓޯއެކެވެ.

ކެޕްޝަންގެ ގޮތުގައި ތައްޔާރުވުމަށް އިނގިރޭސިން ލިޔެފައިވާ އެ ފޮޓޯގައި މިޝަން: އިމްޕޮސިބަލްގެ ހަ ވަނަ ފިލްމަށް ކިޔާނަން ވެސް ޓޮމް ކުރޫޒް ވަނީ އިއުލާން ކޮށްފަ އެވެ. އެއީ "މިޝަން: އިމްޕޮސިބަލް ފޯލްއައުޓް" އެވެ.

ޓްވިޓާގައި ހަރަކާތްތެރިކޮށް އުޅޭ ޓޮމް ކުރޫޒް އަލަށް އިންސްޓަގުރަމްއާ ގުޅުނުއިރު މިހާތަނަށް އެ އެކައުންޓު ފޮލޯ ކުރާ މީހުންގެ އަދަދު ވަނީ 737 ހާހަށްވުރެ މައްޗަށް ގޮސްފައެވެ. ނަމަވެސް ވެރިފައިޑް ކޮށްފައިވާ އެ އެކައުންޓުން އެއްވެސް މީހަކު ފޮލޯ ކުރަމަކުން ނުދެއެވެ.

އުމުރުން ދުވަސްވީ ނަމަވެސް ނުރައްކާތެރި ސްޓަޓުތައް އަމިއްލައަށް ހަދަމުންދާ ޓޮމް ކުރޫޒްގެ ވަނީ ލަންޑަނުގައި ނެގި މިޝަން: އިމްޕޮސިބަލްގެ ޝޫޓިންގެ ތެރެއިން ހެދި ސްޓަންޓެއްގައި މިދިޔަ އޮގަސްޓް މަހު ފައިގެ ދަނބިކަށި ބިއްދައިގެން ގޮސްފައެވެ.

ފުރާޅެއްގެ މަތިން ފުއްމާލަން އުޅެނިކޮށް ލިބުނު އެ އަނިޔާގެ ސަބަބުން ފިލްމުގެ ޝޫޓިން މެދުކެނޑުނު ނަމަވެސް ޕަރަމައުންޓް ސްޓޫޑިއޯ އިން ވަނީ ފިލްމު ރިލީޒް ކުރަން ތާވަލު ކޮށްފައި އޮތް ތާރީހަށް ބަދަލެއް ނާންނާނެ ކަމަށެވެ.

"މިޝަން: އިމްޕޮސިބަލް ފޯލްއައުޓް"ގެ ނަން ދީފައިވާ އެ ފިލްމު ރިލީޒް ކުރާނީ އަންނަ ޖުލައި މަހުގެ 27 ވަނަ ދުވަހު އެވެ.