ޑޮލަރުގެ މައްސަލަ އަށް ހައްލު ގެނައުމަށް އޮތް ފުރުސަތަކީ، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޓެކްސްގެ ބިލުތައް ފާސްކުރުމުން ކަމަށް ފިނޭންސް މިނިސްޓަރު އަހްމަދު އިނާޒު މިއަދު ވިދާޅުވެއްޖެ އެވެ.

ތިން މަސް ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ވިދާޅުވެ، ކުރައްވާފައިވާ ހުވަޔާ ހިލާފަށް އޭޕްރީލް މަހު ރައްޔިތުންނަށް އިތުރުފުޅު ހައްދަވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވާނީ ކޮން އިރަކުންތޯ، މެންބަރަކު ކުރެއްވި ސުވާލަށް މަޖިލީހުގައި ޖަވާބު ދެއްވަމުން އިނާޒު މިއަދު ވިދާޅުވީ، ޑޮލަރުގެ މައްސަލައަކީ މަޖިލީހުގެ ނިންމުންތަކާ ގުޅިފައިވާ މައްސަލައެއް ކަމަށެވެ.

"ޑޮލަރުގެ މައްސަލައަކީ މަޖިލީހުގެ ނިންމުންތަކާ ގުޅިފައިވާ މައްސަލައެއް. ޓެކްސްގެ ބިލުތައް އަވަސްކޮށްދެއްވުމަކީ ޑޮލަރުގެ މައްސަލައަށް ހައްލު ގެނައުމަށް އޮތް ފުރުސަތު،" މިނިސްޓަރު އިނާޒު ވިދާޅުވި އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ކޮންޓްރެކްޓް ފައިނޭންސް އުސޫލުން ކުންފުނިތަކާ މިހާތަނަށް ހަވާލު ކޮށްފައިވާ ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އިނާޒް ވިދާޅުވީ، 32 ޕްރޮޖެކްޓެއްގެ މަސައްކަތް 2010 ވަނަ އަހަރު ވޯކް ކޯޕަރޭޝަން ލިމިޓެޑާ ހަވާލު ކުރި ކަމަށެވެ. އަދި އެ ޕްރޮޖެކްޓްތަކުގެ ޖުމްލަ އަގަކީ 1.3 ބިލިޔަން ރުފިޔާ ކަމަށާއި އޭގެ ތެރެއިން މިހާތަނަށް ފަށާފައިވާ ނުވަ ޕްރޮޖެކްޓަށް 343.8 މިލިޔަން ރުފިޔާ އަރާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މިހާތަނަށް ފެށިފައި ނުވާ 23 މަޝްރޫއުގެ ކޮންޓްރެކްޓް މިހާރު ބާތިލް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ޑޮލަރުގެ އަގަށް ވީގޮތަށް، ފަށާފައިވާ ނުވަ ޕްރޮޖެކްޓްގެ މަސައްކަތް ނުވާނެ ކަމަށާއި އެ ޕްރޮޖެކްތްތަކަކީ ނިމޭނެ ޕްރޮޖެކްޓްތަކެއް ކަމަށް ވެސް އިނާޒް ވިދާޅުވި އެވެ.

"މި ޕްރޮޖެކްޓްތަކަށް ފައިސާ ދިނުމަށް އެއްބަސް ވެފައި ވަނީ އަހަރަކު ފަސް ޕަސެންޓް އިންޓަރެސްޓް ރޭޓާ އެކު އެއް އަހަރުގެ ގްރޭސް ޕީރިއަޑަކަށް ފަހު ނުވަ އަހަރުގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ ގޮތަށް. އަދި ޖުމްލަ 10 އަހަރު ދުވަހުގެ ތެރޭގައި ހަލާސްކުރާގޮތަށް،" އިނާޒް ވިދާޅުވި އެވެ.